14:30


މޫސުމަށް އަންނަ ބަދަލުތަކުގައި ސާކުން ގެންގުޅޭ ވިސްނުމަކީ އެކަމުގެ ފައިދާ ސަރަޙައްދުގެ ހުރިހާ ޤައުމަކަށް ލިބިގެންދާނެ ވިސްނުމަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، މިއަދު އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ސާކް ވިލެޖްގައި އަފްޣާނިސްތާނުގެ ރައީސް ހުންނެވުމަށް ޚާއްޞަ ކުރެވިފައިވާ "އަފްޣާނިސްތާން ހައުސް"ގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުންނެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ ބަހުސްތަކުގައި ސާކުގެ ހުރިހާ ޤައުމުތަކުން އެއް ވިސްނުމަކަށް އައުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.


މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަފްޓާ ނުވަތަ ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާގެ އެއްބަސްވުމުގެ ދަށުން، ޤައުމުތަކުގެ މެދުގައި ވިޔަފާރި ފުޅާކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.


އަފްޣާނިސްތާނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އަފްޣާނިސްތާނަކީވެސް މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ފޯރަމުންދާ ޤައުމެއްކަމުގައި ވިދާޅުވި އެވެ. މިގޮތުން، އެޤައުމުގައި ހަނަފަސްކަން އިތުރުވެ، ފެންލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ މަޢުލޫމާތު، އަފްޣާނިސްތާނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުއްފިލުއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


މި ކަންކަމުގެ އިތުރުން، ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުމާއި، މިސަރަޙައްދުގައި މިކަންކަން ފެތުރިފައިވާ މިންވަރާއި، މިކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.


މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ޕާލަމެންޓަރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިޒް ޗިނަމީ ނިޝިމޫރާއާ ވެސް ބައްދަލުކުރެއްވި އެވެ. މި ބައްދަލުކުރެއްވުން އޮތީ، ސާކް ވިލެޖްގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ "މޯލްޑިވްސް ހައުސް"ގައި އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ.