22 Apr 2016, 15:10
ރާއްޖޭގެ ނެޓްބޯޅަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މާލެ އައިސްފައިވާ ސްރީ ލަންކާގެ ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު ރާއްޖާގައި ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު ނެޓްބޯޅަ ކޯޓުގައި ރޭ ކުޅުނު އެ މެޗު ރާއްޖޭގެ ވެޓެރަންސް ޓީމް ކާމިޔާބު ކުރީ 16-6 ޕޮއިންޓްގެ ބޮޑު ތަފާތަކުން ލަންކާގެ ލަޔަން ވެޓެރަންސް ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޖުމްލަ 20 ކުޅުންތެރިންނާއެކު މާލެ އައިސްފައިވާ ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު، އިންޓަ ސްކޫލް ޕޭރެންޓް ޓީޗާސް ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ހަ ޓީމަކާ ދެކޮޅަށް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
އަދި ޕޭރެންޓް ޓީޗާސް ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ހޮވާލެވޭ ހަ ޓީމާ ދެކޮޅަށް ޖުމްލަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެއީ ކޮންމެ މެޗެއްގެ ކުއާޓާއެއްގައި އޭގެ ތެރެއިން ޓީމެއް ނުކުންނަ ގޮތަށެވެ.
އެކުވެރިކަމުގެ މެޗުތަކަށްފަހު، ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.