ސީރިއާއަށް ދިޔަ 12 ދިވެހީންގެ އާއިލާއެއް ހުއްޓުވުމަށް އިންޑިއާ އާއި އެމެރިކާއިން ހިންގި އޮޕަރޭޝަނެއް ނާކާމިޔާބު ވެފައިވާ ކަމަށް އިންޑިއާއިން ހާމަކޮށްފި އެވެ.

އިންޑިއާގެ މީޑިއާގައި ވަނީ މި 12 މީހުންގެ ތެރެއިން ބައެއް މީހުންގެ ފޮޓޯ އާއި ނަން އާންމު ކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން، މި 12 މީހުންގެ ތެރެއިން ފަސް މީހުންނަކީ ގއ. ކޮންޑޭގެ އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހެކެވެ. އެ ފަސް މީހުންނަކީ، ޖަމީޢަތުއްސަލަފުގެ ފަރާތުން ދީނީ ހަރުކަށި ޚިޔާލުގެ ވިސްނުން އަށަގެންފައިވާ ފަސް މީހުން ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ.

އެ ފަސް މީހުންނަކީ 30 އަހަރުގެ އަބްދުﷲ މުބާރަކާއި، 18 އަހަރުގެ އަލީ މުއިއްޒު ހަސަނާއި، 32 އަހަރުގެ އަހްމަދު އަޒްމީރާއި، 27 އަހަރުގެ ޒޫނާ ޒަރީރާއި 30 އަހަރުގެ ޒާހިދާ ޒަރީރެވެ. މީގެ ތެރެއިން އަބްދުﷲ މުބާރަކަކީ، ޕައިލެޓް ކަމުގެ ލައިސެންސް އޮތް މީހެއް ކަމަށާއި، އެމެރިކާއިން އެންމެ ކަންބޮޑުވާ ކަމަކީ އެއީ ކަމަށް އެ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވެ އެވެ.

މުމްބާއީގެ ފުލުހުން ބުނެފައި ވަނީ، މި ފަސް މީހުންނާއި އިތުރު ހަތް މީހުން ހިމެނޭ، 12 މީހުންގެ އާއިލާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު، މެޑިކަލް ވީސާގައި އިންޑިޔާގެ ބެންގަލޫރަށް އައިސްފައިވާ ކަމަށެވެ. އެއާ އިންޑިއާގެ ފްލައިޓެއްގައި އިންޑިއާއަށް އެތެރެވެ، ހަ ދުވަސް ބެންގަލޫރުގައި މަޑު ކުރުމަށް ފަހު އެ 12 މީހުން ވަނީ ތުރުކީގެ އިސްތަންބޫލަށް ފުރައިފަ އެވެ. އިންޑިއާ ފުލުހުން ބުނީ، އެމީހުން ފުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެއާޕޯޓަށް ފުލުހުންނަށް ދެވުނު އިރު މާ ލަސް ވެއްޖެ ކަމަށެވެ.

މި 12 މީހުން އެންމެ ފަހުން ޓްރެކު ވެފައި ވަނީ ޖެނަވަރީ 13 ވަނަ ދުވަހު އިންސަންބޫލްގަ އެވެ. އިންޑިއާ ފުލުހުން ބުނާ ގޮތުގައި، ބެލެވޭ ގޮތުގައި އެ މީހުން ވަނީ އިސްތަންބޫލްގައި އެމީހުންގެ ފޯނުތައް އެއްލައިލުމަށް ފަހު، ސީރިއާ ނުވަތަ އިރާގަށް ގޮސްފަ އެވެ.

އިންޑިއާ ފުލުހުން ބުނީ، މި އާއިލާގެ އިސް މެމްބަރެއް ކަމުގައިވާ މުހައްމަދު އީސާ ނަމަކަށް ކިޔާ މީހަކަށް، އާއިލާއިން 12 މީހުން ސީރިއާއަށް ފުރަން އުޅޭކަން އެނގިގެން ރާއްޖޭގެ ފުލުހުންނަށް އެކަން އެންގި ކަމަށާއި، ނަމަވެސް ފުލުހުން އެކަމަށް އަޅާލާފައި ނުވާ ކަމަށެވެ.

މި އާއިލާ ފުރުމުގެ ކުރިން ވަނީ، އަތުގައި ހުރި ހުރިހާ މުދަލެއް ވެސް ވިއްކާލާފައި ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލައިދީ، ޓައިމްސް އޮފް އިންޑިއާގައި ވެ އެވެ.

ޓައިމްސް އޮފް އިންޑިއާއިން ވަނީ ރާއްޖޭގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދި އަރީފަަށް މިކަމާ ބެހޭގޮތުން ސުވާލު ކޮށްފަ އެވެ. އެހެން ނަމަވެސް މި އާއިލާއާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އަރީފް ދެކޮޅު ހެއްދެވި ކަމަށް އެ ނޫހުން ބުނެ އެވެ.