22 Apr 2016, 14:52
އިންޑިއާގައި މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ހޮލީވުޑް ފިލްމުގެ މަގާމު، ފިލްމު، "ޖަންގަލް ބުކް"އަށް ލިބިއްޖެ އެވެ.
މޯގްލީ ނަމަކަށް ކިޔާ ކުޑަ ފިރިހެން ކުއްޖަކު ކަޑައްތުކުރާ އާދަޔާހިލާފު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ރުޑްޔާޑް ކިޕްލިން ލިޔެފައިވާ މަޝްހޫރު ވާހަކަ ފޮތުގެ މައްޗަށް ޑިޒްނީން އުފެއްދި ފިލްމު، "ޖަންގަލް ބުކް" އިންޑިއާގައި ރިލީޒްކޮށްފައި ވަނީ އެމެރިކާގައި ރިލީޒްކުރުމުގެ ހަފްތާއެއް ކުރިންނެވެ.
ޑިޒްނީ އިންޑިއާއިން ބުނީ، އެ ގައުމުގައި މި މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމަށް މިދިޔަ ބުދަ ދުވަހާ ހަމައަށް 23.7 މިލިއަން އެމެރިކާ ޑޮލަރު (1.57 ބިލިއަން ރުޕީސް) ލިބިފައިވާ ކަމަށެވެ.
އެ އަދަދާއެކު ފިލްމު، "ޖަންގަލް ބުކް" އިން ވަނީ، "ފިއުރިއަސް 7" ގެ ރިކޯޑް މުގުރާލައި އިންޑިއާގައި މިހާތަނަށް އެޅުވި ހޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމުގެ މަގާމު ހޯދާފަ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި މަޝްހޫރު އެކްޝަން ފިލްމު "ފާސްޓް އެންޑް ދަ ފިއުރިއަސް"ގެ އެންމެ ފަހުގެ ފިލްމު، އިންޑިއާގައި އެޅުވި ފުރަތަމަ 12 ދުވަހުގެ ތެރޭގައި ލިބިފައި ވަނީ، 23.4 މިލިއަން އެމެރިކާ ޑޮލަރެވެ.
ފިލްމު، "ޖަންގަލް ބުކް" އަށް މުޅި ދުނިޔެއިން މިހާތަނަށް 356 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ. އެގޮތުން ޑޮމެސްޓިކް މާކެޓްތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ އަދި ކެނަޑާއިން އެ ފިލްމަށް މިހާތަނަށް 125 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ އިރު، ޗައިނާ އިން އެ ފިލްމަށް ވަނީ 64 މިލިއަން އެމެރިކާ ޑޮލަރެވެ.