މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމަންވެލުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ސަރުކާރުން ކުރުމަށް ހުށަހެޅި ކަންކަން ވަގުތުން ތަންފީޒު ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

ސީމެގުގެ އެޖެންޑާގައި ރާއްޖެ އަދި ނުހިމަނަން ، ލަންޑަނުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ސީމެގުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މަދަނީ ފަރުދުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކާއި މިނިވަންކަން ދިނުމަށް ރާއްޖެއަށް ހުށަހެޅި ކަންތައްތަކަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.

ވަކި މުއްދަތެއްގެ ތެރޭގައި އެ ކަންތައްތައްތައް ހާސިލު ކުރުމަށް މަގުޗާޓެއް އެކުލަވާލައި، ޕާޓީތަކާއެކު ދިވެހި ސަރުކާރުން ކުރަމުންދާ މަޝްވަރާއިން ކުރިއެރުމެއް ލިބޭ ކަމުގެ ހެކި ފެންނަން ޖެހޭ ކަމަށް ސީމެގުން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް ސީމެގުން ތަންފީޒު ކުރަމުންދޭތޯ ބެލުމަށް އަންނަ ސެޕްޓެމްބަރު މަހު ސީމެގު ބައްދަލުވުމެއް ބާއްވަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ސެޕްޓެމްބަރު މަހު ބާއްވާ ބައްދަލުވުމުގައި، ރާއްޖޭން ހާސިލްކުރެވުނު ކަންތައްތަކަށް ބަލައި އެކަންތައްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ސީމެގުން ބުނެ އެވެ.

އަދާލަތު ޕާޓީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ހައްޔަރީން ނުހައްގުން ހިފާ ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމާއި ރާއްޖޭގެ ޝަރުއީ ނިޒާމު ދުވަހެއް ދުވަހަކަށް ދޯހަޅިވެ، ރައްޔިތުންގެ އިތުބާރު ގެއްލިގެން އަންނަ އައުންފަދަ ކަންކަން ސީމެގާއި އެހެނިގެން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ފާޅުކުރަމުންދާ ހިޔާލުތަކާއި އިރުޝާދުތައް ބަލައިގަނެ އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމާއި ވާދަވެރި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކުރުމަށް ބޭނުންވާ އިތުބާރު ގާއިމު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސީމެގުން އަންގާފައިވާ އެންގުމަކީ އަދާލަތު ޕާޓީން އަބަދުވެސް ސަރުކާރަށް ގޮވާލާ ކަމެއް ކަމުގައި ފާހަގަކުރަމެވެ. އަދި ހަމައެހެންމެ ގޯސްވަމުން އަންނަ ރާއްޖޭގެ ސިޔާސީ މަޝްރަހު ފިނިކޮށް ހަމަޖެހުމާއި އަމާންކަން ގާއިމު ކުރުމުގައި ދިވެހި ސަރުކާރަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ހޯދިފައި ނުވާކަން ފާހަަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާތީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުން ކޮންމެހެން ލާޒިމުކަމުގައި ވެސް މި ޕާޓީން ދެކެމެވެ." އަދާލަތުގެ ނޫސްބަޔާނުގައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރުން އެންމެ އިސްކޮށް އުޅުއްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީގެކުރިން ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން ދެމުންދާ އެއްބާރުލުމާއި އެކަމަށް ސަރުކާރުގެ ފަރާތުން މަސައްކަތްކުރަވަމުން ގެންދަވާކަން ސީމެގުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބާރުލުން ދެއްވުމަށް ސީމެގުން ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ.