22 Apr 2016, 14:02
ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ ކެބިން ކްރޫއިންނަށް ވުމަށް އެދޭ ފަރާތްތަކަށް ވޯކް އިން އިންޓަވިއު މާދަމާ އޮންނާނެ އެވެ.
މޯލްޑިވިއަންއިން އިއުލާނު ކޮށްފައިވާ ގޮތުގައި، މާދަމާ ހެނދުނު 9:00 އިން އިރު އޮއްސި 6:00 އާ ދެމެދު، މޫކައި ސުއީޓްސް ހޮޓެލްގައި ވޯކް އިން އިންޓަވިއު އޮންނާނެ އެވެ.
މޯލްޑިވިއަންގައި ކެބިން ކްރޫއިންގެ ވަޒީފާއަށް އެދޭ ފަރާތްތަކުން މާދަމާ ވޯކް އިން އިންޓަވިއުއަށް އައުމަށް މޯލްޑިވިއަންއިން ދައުވަތު ދީފައިވާ އިރު، އިންޓަވިއުއަށް އަންނަ ކެންޑިޑޭޓުން ސީވީއާ އެކު، އޮފިޝަލް ހެދުމުގައި ނަގާފައިވާ ޕާސްޕޯޓު ފޮޓޯއަކާއި ފުލް ލެންގްތު ފޮޓޯއެއް ގެންނަން ޖެހެ އެވެ.
މީގެ އިތުރުން، މަގާމަށް ކުރިމަތިލާ ފަރާތަކީ 18 އަހަރު ވެފައިވާ ފަރާތަކަށް ވާންޖެހޭ އިރު، ދަށްވެގެން އޯ ލެވެލް ފެންވަރަށް ކިޔަވާފައި ހުންނަން ޖެހެ އެވެ. އަދި ލޮލުގެ ފެނުން ރަނގަޅު ވެފައި، އިނގިރޭސި ބަހަށް ފަރިތަ ވާން ޖެހެ އެވެ.
މީގެ އިތުރުން ސިއްހަތު ރަނގަޅު، ފިޓު މީހަކަށް އެ ކެންޑިޑޭޓު ވާންޖެހެ އެވެ. އަދި މީހުންނާ ވާހަކަ ދައްކަން ފަސޭހަ، އިންޓަ ޕާސަލަން ސްކިލްސް އާއި ރަނގަޅު ޝަޚުސިއްޔަތެއް އެ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކެބިން ކްރޫ އާންމު އިމްތިހާނުން ފާސްވެފައިވާ ނަމަ، ވަޒީފާއަށް ހޮވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
ގައުމީ އެއާލައިނުން ބުނީ، އިންޓަވިއުއިން ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސްޓޭންޑަޑާ އެއްގޮތަށް ޓްރެއިނިންގ ދެވޭނެ ކަމަށާއި، ޓްރެއިނިންގ ފުރިހަމަ ކުރާ ފަރާތްތަކަށް ކެބިން ކްރޫ ލައިސަންސް ދޭނެ ކަމަށެވެ. އަދި އެއަށް ފަހު އައިލެންޑް އޭވިއޭޝަނުގެ ފްލީޓުތަކަށް އެ ކެންޑިޑޭޓުން ހޮވޭނެ ކަމަށް ވެސް އެ އެއާލައިނުން ބުނެ އެވެ.