އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލްގެ އެލެކްސް ސަންޗޭޒް ކާމިޔާބުކޮށް ދިން ދެ ގޯލުން 2-0ގެ ނަތީޖާ އަކުން ވެސްޓްބްރޮމްގެ މައްޗަށް ކުރި ހޯދައި އާސެނަލް ލީގްގެ ތިން ވަނައަށް ޖެހިލާފި އެވެ.

އެ މޮޅާ އެކު އާސެނަލް 63 ޕޮއިންޓާ އެކު އާސެންލް ތިން ވަނާގައި އޮތް އިރު ދެވަނާގައި އޮތް ޓޮޓެން ހަމް އަށް ލިބެނީ 68 ޕޮއިންޓެވެ. ތާވަލުގެ އެއްވަނާގައި ލެސްޓާ ސިޓީ އޮތީ 73 ޕޮއިންޓާ އެކު އެވެ. އާސެނަލް އަތުން ބަލިވި ވެސްޓްބްރޮމް އޮތީ ތާވަލުގެ 15 ވަނާގައި 40 ޕޮއިންޓާއި އެކު އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާއި ވެސްޓްބްރޮމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އާސެނަލްގެ އެމަރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމުން ވަނީ ވެސްޓްބްރޮމް ކޮޅަށް ދެ ގޯލު ކާމިޔާބް ކޮށް ލީޑް ނަގާފަ އެވެ. ފުރަތަމަ ގޯލު މެޗުގެ ހަ ވަނަ މިނެޓްގައި ސަންޗޭޒް ކާމިޔާބު ކުރީ އާރޮން ރަމްސޭ ދިން ބޯޅަ އަކުންނެވެ.

އާސެނަލް އިން އެ މެޗުގައި ކާމިޔާބު ކުރި ދެ ވަނަ ގޯލު 38 ވަނަ މިނެޓްގައި ސަންޗޭޒް ކާމިޔާބް ކުރީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. އެ ދެ ގޯލާއި އެކު މި ސީޒަނުގެ ލީގްގައި ސަންޗޭޒް ވަނީ އާސެނަލް އަށް 12 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ފުރަތަމަ ހާފް އެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް އާސެނަލް އިން ގިނަ ވަގުތު ބޯޅަ ހިފަަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ. އެ މެޗުގައި ވެސްޓްބްރޮމް އަށް އާސެނަލްގެ ގޯލާއި އަމާޒުކޮށް މާގިނަ ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް އެ ޓީމުގެ ގެރެތް މަކުއަލީ އަށް ވަނީ ގޯލް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ އަމާޒްވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާއި ވެސްޓްބްރޮމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މުޅި މެޗުގައި ވެސް ފެނުނީ އާސެނަލްގެ ކުޅުންތެރިން އެ މީހުންގެ ޒިންމާ އަދާކުރި މަންޒަރު ކަމަށާއި މަސަތްކަތް ކުރި ނަމަ ގިނަ ގޯލުތަކެއް ވެސް ކާމިޔާބު ކުރެވުނީސް ކަމަށެވެ.

"އާސެނަލް އިން މަސަތްކަތް ކުރަނީ ގަދަ ތިން ވަނާގައި އޮވެ ލީގް ނިންމާލަން. މިހާރު ތިން ވަނާގައި އޮތް ނަމަވެސް މި މަގާމް ދިފާއު ކުރަން ވަރަށް ގިނަ މަސަތްކަތްތަކެއް ކުރަން ޖެހޭ،" ވެންގާ ބުންޏެވެ.