އަހަރެމެން ދުނިޔޭގައި މި ދިރިއުޅެނީ ވިސްނާލުމެއް ނެތި އެވެ. ލިބޭ އެއްޗަކަށް، ކުރިމަތިވާ ކަމަކަށް ބަލައިލުމެއް ނެތި އެވެ. ދުނިޔެއާ މެދު ވިސްނާލުމެއް ނެތެވެ. ދުނިޔެއަށް އަހަރެމެންގެ ސަބަބުން ކުރަމުންދާ އަސަރުތަކާ މެދު ފިކުރެއް ނެތި އެވެ.

ދުނިޔެ ނުވަތަ އާރތު އޮންނަކަން މިއަދު ފާހަގަކުރުމަށް އާރތު ޑޭ ބައިނަލްއަގުވާމީ މުނާސަބާއަކަށް ހެދި ނަމަވެސް، ފާހަގަ ކުރަންވީ ކޮން ކަމެއްތޯ އެވެ؟ ދުނިޔެ "މަރުވަނީ" އެވެ. އަހަރެމެންގެ ސަބަބުން ދުނިޔެއަށް ފައިދާއަށް ވުރެ ބޮޑަށް ވަމުން ދަނީ ގެއްލުމެވެ.

ދުނިޔޭގައި އަހަރެމެންނަށް ގަސްގަހާ ގެހި ލައްވާފައި ވެ އެވެ. އެތަކެތީގެ ސަބަބުން މާހައުލު ފިނިކޮށްދީ، ދިރުން ގެނުވަ އެވެ. އެއީ އަހަރެމެންނަށް ކާނާ ފޯރުކޮށްދިނުމަށް ބިމުގައިވާ އެއް ވަސީލަތެވެ. ދިރުން ވަނީ އެއާ ގުޅިފަ އެވެ. ނަމަވެސް އަހަރެމެން އެ ގަސްތަކަށް ބަލައިލުމެއް ނެތި ކަނޑައި، މަރައި ހަދަނީ އެވެ. ބޭނުން ނުވާ ވަރަށް ތަކެތި އުފެއްދުމަށް ގަސްތައް ނެތިކޮށްލަނީ އެވެ. އެންމެ ފަހުން ގަސްގަހާ ގެހި މަދުވެގެން އުނދަގޫ ވެސް ވަނީ އަހަރެމެންނަށެވެ. ގަސްތައް ކަނޑާފައި ބޮޑެތި ޝަހަރުތައް އުފައްދައި، އިމާރާތްތައް އުސް ކުރަމުންދާ އިރު އެތަނެއްގައި ހޫނު ގަދަވެގެން ޝަކުވާ ކުރަނީވެސް އަހަރެމެންނެވެ. ކޮންކްރީޓު ޖަންގަލިތައް އަޅައި، އެތންތަނުގައި ދިރުމެއް ނެތް ކަމަށް ބުނަނީ ވެސް އަހަރެމެން ނޫން ހެއްޔެވެ؟

ޗައިނާގެ ވެރިރަށް ބެއިޖިންގ: މިއީ ވައި އެންމެ ނުސާފު އެއް ސިޓީ

ބިމު އަޑީގައި އަހަރެމެންނަށް ތެލާއި އެހެނިހެން ހަކަތަ ވެސް ނިއުމަތުގެ ގޮތުގައި ލައްވާފައިވާ އިރު، އެ ނިއުމަތް ލިބިފައިވާ ގައުމުތަކުން އެތަކެތި ބިމު އަޑިން ނަގަމުން ދަނީ ހައްދެއް ނެތި އެވެ. އެތަކެތި ބޭނުން ކުރަނީ ހައްދެއް ނެތި އެވެ. އެންމެ ފަހުން ތެލުގެ ސްޓޮކު ދުނިޔޭގައި ގިނަވެގެން ގޮސް އޭގެ އަދު ދަށްވީމާ މާލީ ގެއްލުން ވެސް ލިބެނީ ތެޔޮ ނަގައިގެން ވިއްކާ ގައުމުތަކަށެވެ.

ތެލާއި އެހެނިހެން ހަކަތަ، އެކި ކަންކަމަށް ބޭނުން ކުރަމު އެވެ. އުޅަނދުތައް ދުއްވުމަށާއި ކަރަންޓު އުފެއްދުމަށާއި، މެޝިނު ފަދަ އާލާތްތައް މަސައްކަތް ކުރުމަށް އެ ބޭނުންވެ އެވެ. ނަމަވެސް ބޭނުން ކުރަން ނުޖެހޭ ހާލަތްތަކުގައި ވެސް އަހަރެމެން އެތަކެތި ބޭނުންކޮށް، ބޭކާރު ގޮތުގައި ހަކަތަ އެންދުމުން ވިހަ ގޭސްތައް ޖައްވުގެ ތެރޭގައި ޖަމާވެ އެވެ. ނުސާފު ވަނީ އަހަރެމެން ނޭވާލައި އުޅޭ ވައެވެ. ބަލިތައް ޖެހެނީ ހަމަ އަހަރެމެންނަށެވެ. ހޫނުވަނީ އަހަރެމެންގެ ޖައްވާއި ދުނިޔެ އެވެ.

އެމެރިކާގައި ހުންނަ ޑެތު ވެލީ ސަހަރާ --

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުތަކަށް ވެސް އަސަރު ކުރެ އެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ފަތުރުވެރިން ޒިޔާރަތް ކުރަނީ މިތަންތަނުގެ ގުދުރަތީ ރީތިކަން ދެކިލުމަށެވެ. ނަމަވެސް ދުނިޔެ ހަލާކު ކުރާ އިރު، މި ގުދުރަތީ ރީތިކަން ވެސް ހަލާކުވާކަން އަހަރެމެން ނުދެނަ ހުރީމު އެވެ.

އިރުގެ ގަދަ ހޫނުގެ ސަބަބުން ދުނިޔެގެ ފަރުތައް ހަލާކު ވަނީ އެވެ. "ކޮރަލް ބްލީޗިންގ"، ނުވަތަ ފަރުތަކުގައިވާ މުރަކަތަކުގެ ތެރޭގައި އުޅޭ ދިރުންހުރި ކުދިކުދި ޖަނަވާރުތައް ކަމުގައިވާ "އަލްޖީ" މަރުވެ، މުރަކަތަކުގެ ކުލަ ހުދު ކުލައަށް ބަދަލުވެ އެވެ. މިއީ މުރަކަތަކުގެ ދިރުމަށް އޮތް ބޮޑު ބިރެކެވެ. ދުނިޔޭގައި އޮތް އެންމެ ބޮޑު ފަރު ކަމުގައިވާ އޮސްޓްރޭލިޔާގެ "ދަ ގްރޭޓް ބެރިޔާ ރީފް" ވެސް މިހާރު ދަނީ ކޮރަލް ބްލީޗިންގގެ ޝިކާރައަކަށް ވަމުންނެވެ.

މަރުވެފައިވާ މުރަކަތަކެއް ކައިރީގައި މަސްތަކެއް --

މިކަން ރާއްޖެއިން ވެސް މިހާރު ފެންނަން ފަށާފައި ވެ އެވެ. ރާއްޖޭގެ ފަރުތަކާއި މުރަކަތައް މަރުވެ، ފަތުރުވެރިންނަށް ދައްކާނެ ގުދުރަތީ ރީތިކަމެއް ނެތުމުން ގެއްލުން ދައްކާނީ މި ގައުމާއި ގައުމުގެ ރައްޔިތުންނަށެވެ.

ދުނިޔޭގެ އެކިއެކި "ގުނަވަންތައް" މަޑުމަޑުން މަރުވަމުން ދާ އިރު، ދުނިޔޭގެ ދިރުންތައް މަރާލަމުން ދަނީ އިންސާނުން އަމިއްލައަށް ކުރާ އަމަލުތަކަކުން ކަން އަހަރެމެންގެ ހަނދާނުގައި ނުވަތަ ޚިޔާލުގައި ވެސް ނެތް ފަދަ އެވެ.