22 Apr 2016, 00:02
ހަކުރު ބަލީގެ މީހުންނަށް ޚާއްސަ 40 ރެސިޕީއާއެކު، ޖުމްލަ 215 ރެސިޕީ ހިމެނޭ ފޮތް "މަލާފަތް 2" މިރޭ ނެރެފި އެވެ.
އައިމިނަތު ނާޒްލީ އިބްރާހިމް ލިޔުއްވާފައިވާ އެ ފޮތް މިރޭ އިފްތިތާހު ކޮށްދެއްވީ، މިފްކޯ މަސް ފިހާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ކުރީގެ ހެލްތު މިނިސްޓަރު އަނީސާ އަހުމަދެވެ.
"މަލާފަތް 2" ފޮތް ލިޔުއްވި ނާޒްލީ ވިދާޅުވީ، މި ފޮތަކީ އޭނާ ތިން އަހަރު ދުވަހުގެ މަތިން ލިޔެ ތައްޔާރުކުރި ފޮތެއް ކަމަށާއި، ރެސިޕީތައް ހަދާފައި ވާނީ ޑޮކްޓަރުންނާއި ޑަޔަޓީޝަނުންގެ އިރުޝާދާއި އެހީތެރިކަމާ އެކުގައި ކަމަށެވެ.
މަލާފަތް 2 ލިޔުއްވި އައިމިނަތު ނާޒްލީ -- ސަން ފޮޓޯ/ފަޔާޒު މޫސާ
ނާޒްލީ ވިދާޅުވީ އޭނާ ކޮންމެ ރެސިޕީއެއް ވެސް ތައްޔާރުކުރީ ވަރަށް ފަރުވާތެރިކަމާ އެކު ކަމަށާއި، ކޮންމެ ފަހަރަކު ކައްކައި، ރަހަ ބަލައި، އެހެން މީހުންނަށް ރަހަ ދެއްކުމަށް ފަހު ނޫނީ ރެސިޕީ ފައިނަލް ނުކުރާ ކަމަށެވެ. އަދި ހަކުރު ބަލީގެ މީހުންނަށް ޚާއްސަ ރެސިޕީތައް ހެދީ، ޑަޔަޓީޝަނުންގެ އެހީތެރިކަމާ އެކުގައި ކަމަށާއި، ހަކުރު ބަލި ހުންނަ މީހުންގެ ލޭ ޓެސްޓު ކޮށް، އޭނާ ތައްޔާރުކުރި ކާނާ ކާންދިނުމަށްފަހު އަނެއްކާވެސް ޓެސްޓުތައް ހެދުން ފަދަ ކަންކަން ވެސް ކުރި ކަމަށް ނާޒްލީ ވިދާޅުވި އެވެ.
"ޕްރިންޓިންގެ ޚަރަދާއި ނުލައި 23،000 ވަރަކަށް ރުފިޔާ އަޅުގަނޑު އަމިއްލަ އަތުން ޚަރަދު ކުރިން މި ފޮތް ތައްޔާރު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
މި ފޮތް ނެރުމުގެ ރަސްމިއްޔާތުގައި، ކުރީގެ ހެލްތު މިނިސްޓަރު އަނީސާ އަހްމަދު ވިދާޅުވީ، ނާޒްލީގެ ފޮތުން، ހަކުރު ބަލީގެ މީހުންނަށް ވެސް މީރު ކާނާ ކެވޭނެކަން ހާމަ ކޮށްދޭ ކަމަށެވެ.
އައިމިނަތު ނާޒްލީ އިބްރަހިމް ލިޔުއްވި މަލާފަތް 2، އަނީސާ ނެރުއްވައިދެއްވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ
"ހަކުރު ބައްޔަކީ ކެއުމުން މަހުރޫމު ކުރުވާ ކަމެއް ނޫންކަން، އެމީހުންނަށް ވެސް މީރު އެއްޗެހި ކައްކައިގެން ކެވޭނެކަން ނާޒްލީ ހާމަކޮށްދެއްވައިފި،" އަނީސާ ވިދާޅުވި އެވެ.
ނާޒްލީގެ ފޮތް 250 އަށް ވިއްކަން ހުންނަ އިރު، ފޮތް ލިއްބައިގެން ލިބޭ ފައިދާ އޭނާ ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ތެލެސީމިއާ ސެންޓަރަށެވެ. ނަމަވެސް މި ފޮތް ސްޕޮންސާ ކޮށްފައިވާ މިފްކޯއިން މިރޭ ވަނީ، ފޮތް ވިއްކައިގެން ލިބޭ ފައިދާގެ ދެގުނަ، ތެލެސީމިއާ ސެންޓަރަށް ހަދިޔާ ކޮށްދޭނެކަން އިއުލާނު ކޮށްފަ އެވެ.
އައިމިނަތު ނާޒްލީ އިބްރަހިމް ލިޔުއްވި މަލާފަތް 2 -- ސަން ފޮޓޯ/ފަޔާޒު މޫސާ
މި ފޮތް މިވަގުތު ލިބެން ހުންނާނީ މިފްކޯ މަސް ފިހާރައިންނެވެ. އަދި ކައިރި މުސްތަގުބަލެއްގައި، އަސްރަފީ ބުކްޝޮޕާއި ރައުންޑް ވަން ބުކްޝޮޕުން ވެސް ލިބެން ހުންނާނެ އެވެ.