ސަން ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ނ. ހޮޅުދޫގައި ނ. އަތޮޅު ޤުރުއާން މުބާރާތް ފަށައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން، ނ. އަތޮޅު ކައުންސިލުގެ ނައިބު އަންވަރު އަބްދުލްޣަނީ ވިދާޅުވީ ނ. އަތޮޅު ޤުރުއާން މުބާރާތަކީ ޤައުމީ މުބާރާތަށްދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތް ކަމަށެވެ.

މިއަދު ހޮޅުދޫގައި ފެށި އެ މުބާރާތުގައި، 11 ރަށަކުން 110 ދަރިވަރުން ވާދަ ކުރެ އެވެ.

އެ މުބާރާތް ހޮނިހިރު ދުވަހު ނިމޭއިރު، ނިންމުމުގެ ރަސްމިއްޔާތު އެ ދުވަހު ހޮޅުދޫގައި އޮންނާނެ އެވެ.

މުބާރާތުގައި ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ރަށު ކައުންސިލުތަކާއި ސަން ފައުންޑޭޝަނުން ވަނީ އިނާމު ހުށަހަޅާފަ އެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން، ކުރިއާ ޚިލާފަށް މި އަހަރު، މުބާރާތުގައި ބައިވެރިވެވޭނީ ލޯކަލް ކައުންސިލުތަކާއި ޖަމިއްޔާތަކުންނެވެ. އެހެންކަމުން އެ މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ތަމްސީލު ކުރުމަށް އެ ކައުންސިލުތަކުން ހުށަހަޅާ ކެންޑިޑޭޓުންނާއި، އަމިއްލަ ޖަމިއްޔާތައް ތަމްސީލުކުރުމަށް އެ ޖަމިއްޔާތަކުން ހުށަހަޅާ ކެންޑިޑޭޓުންނަށެވެ.

މުބާރާތް ބޭއްވުމަށް ތައްޔާރުވެފައި ކުރިން އޮތީ 27 މޭ 2016 ގަ އެވެ. ނަމަވެސް މުބާރާތުގެ ގަވާއިދަށް ބަދަލު ގެނައުމާ ގުޅިގެން، ގިނަ ބައެއްގެ އެދުމާއެކު މުބާރާތް ވަނީ އޮކްޓުބަރު މަހުގެ ދެވަނަ ދުވަހަށް ފަސްކޮށްފަ އެވެ.