21 Apr 2016, 20:21
ރާއްޖެ އެތެރެކޮށް ވިއްކާ ޕެރެސެޓަމޯލްގެ ބާވަތެއް ކަމުގައިވާ ކެލްވިން ބޭހުގެ ބެޗެއްގެ މެނުފެކްޗަރިންގައި މައްސަލަތަކެއް އުޅޭތީ، އެ ބެޗުގެ ބޭސްތައް ރާއްޖެ އެތެރެކޮށް ވިއްކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ވިއްކާ ބޭސްތަކުގެ ރައްކާތެރިކަމާ ފެންވަރު ކަށަވަރު ކުރުމަށް އެމްއެފްޑީއޭއިން ބޭސްތައް ޓެސްޓުކޮށް ހަދާ ކަމަށާއި، ކެލްވިން ބޭސް ޓެސްޓު ކުރުުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން، އެ ކެލްވިން 650 މިލިގްރާމުގެ، ބެޗު ޓީ845 ބޭހުގެ ޕެކިންގައި، މެނުފެކްޗަރިން ޑިފެކްޓެއް އުޅޭ ކަމަށާއި، ސްޓްރިޕްތަކުގެ ކުލަ ތަފާތުކަން އެ އޮތޯރިޓީއަށް ފާހަގަ ވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންކަމުން އެއީ، އެ ބޭހުގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދޭ ކަމެއް ކަމަށާއި، އެ ބޭހުގެ ބެޗު ޓީ845 ރާއްޖެ އެތެެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރާ ކަމަށް އެ އޮތޯރިޓީއިން ބުނެ އެވެ.