ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބި، މިދިޔަ އަހަރެކޭ ވެސް އެއްފަދައިން 112 ވަނައިގައި ހިމެނިއްޖެ އެވެ.

މިދިޔަ އަހަރު މި އިންޑެކްސްގައި ރާއްޖެ ހިމެނިފައި ވަނީ 34.32 ގެ ސްކޯއަކާ އެކު، 112 ވަނައިގަ އެވެ. އަދި 111 ވަނައިގައި ނައިޖީރިޔާ އޮތް އިރު، 113 ވަނައިގައި އޮތީ ޒެމްބިއާ އެވެ.

މި އަހަރުގެ އިންޑެކްސްގައި ރާއްޖޭގެ ސްކޯއަށް ލިބިފައި ވަނީ 0.15 ގެ ކުރިއެރުމެކެވެ. 32.17 ގެ ސްކޯޢަކާ އެކު ރާއްޖެއަށް މިފަހަރުގެ ލިސްޓުން ވެސް 112 ވަނަ ލިބުނު އިރު، 111 ގައި އޮތީ ލެޓިން އެމެރިކާގެ ގައުމެއް ކަމުގައިވާ ޕެރެގުއޭ އެވެ. އަދި 113 ވަނައިގައި އޮތީ ބަލްގޭރިއާ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ބުނެފައި ވަނީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ހިނގައިދިޔަ ކަންތަކަށް މިހާރު ހަތަރު އަހަރު ވެފައިވާ އިރު ވެސް، ރާއްޖެ އޮތީ ވަރަށް ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައި ކަމަށާއި، ސަރުކާރާ އިދިކޮޅު އަދި މިނިވަން މީޑިއާއަށް ވެސް ރާއްޖޭގައި ހުރަސް އަޅަމުން ދާ ކަމަށެވެ.

ރާއްޖޭގައި އޮތީ ކޮންމެ ކަމެއްވެސް ގައުމީ ސަލާމަތަށް ނުރައްކާ ކަމަށް ކަނޑައަޅާ ފަދަ ސަގާފަތެއް ކަމަށާއި، އެކަމުގެ ތެރެއިން ފުލުހުންގެ ފަރާތުން މީޑިއާއަށް އަނިޔާ ލިބެމުންދާ އިރު، ސަރުކާރުން ދަނީ މީޑިއާއަށް ހުރަސް އަޅަމުން ކަމަށް ވެސް ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ބުނެ އެވެ.