21 Apr 2016, 19:40
އައްޑޫ ސިޓީ އާއި ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްއިން ސީދާ ދަތުރުތައް ފެށުމަށް ދިވެހި ސަރުކާރުން ސްރީލަންކަން އެއާލައިންސްގެ ކިބައިން އެދިއްޖެ އެވެ.
ލަންކާގެ "ދަ އައިލެންޑް ފައިނެންޝަލް ރިވިއު"އާ ވާހަކަ ދައްކަވަމުން، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެ އާއި އަވަށްޓެރި ގައުމުތަކާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ގިނަ އެއާލައިންތަކަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ކޮލޮމްބޯ އާއި އައްޑޫ ސިޓީއާ ދެމެދު ސީދާ ދަތުރުތައް ފެށުމާ ބެހޭގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް "ދަ އައިލެންޑް" ނޫހުން ރިޕޯޓު ކުރެ އެވެ.
"ކޮލޮމްބޯއާއި އައްޑޫ ސިޓީއާ ދެމެދު ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން އަޅުގަނޑު ވާނީ ސްރީލަންކަން އެއާލައިންސްގެ ޗެއާމަން އަޖިތު ދިއާސްއާ މަޝްވަރާ ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ދާދި އަވަހަށް އެ ދަތުރުތައް ފެށޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށާއި، މިއީ ދެ ގައުމަށް ވެސް ފަތުރުވެރިކަމުގެ ދާއިރާއިން ފައިދާ ކުރުވަނިވި ގޮތަކަށް އެކަން ހަމަޖެހިގެން ދާނެ ކަމަށެވެ.
ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީއަށް ދަތުރު ކުރުމާ ބެހޭ ގޮތުން މީގެ ކުރިން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ. އެގޮތުން، މީގެ ކުރިން އެ އެއާލައިނުގެ ޓީމެއް އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް، އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށްފައި ވެ އެވެ.
އައްޑޫ ސިޓީގައި ހުންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާއަށް މީގެ ކުރިން ވަނީ ސީދާ ދަތުރުތަކެއް ކޮށްފަ އެވެ. އެ ދަތުރުތައް ކުރިޔަށް ގެންދިޔައީ މޯލްޑިވިއަން އިންނެވެ. ނަމަވެސް އެ ދަތުރުތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.
ލަންކާގެ "ދަ އައިލެންޑް"އާ ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއިން ބޭރުން އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމަކީ، ވިޒިޓް މޯލްޑިވްސް އިޔާގެ އަމާޒު ހާސިލު ކުރުމުގެ ގޮތުން، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ގިނަވެގެން ދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ރާއްޖެއަށް ޒިޔާރަތް ކުރާ ދޮޅު މިލިއަން ފަތުރުވެރިންގެ އަދަދު، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ހަ މިލިޔަނަށް އިތުރު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސްރީލަންކަން އެއާލައިންސްއިން މާލޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ދުވަހަކު ވެސް ހަތަރެއް ނުވަތަ ފަސް ފްލައިޓު ދަތުރު ކުރެ އެވެ.