21 Apr 2016, 19:02
ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ސިފައިން އަމަލު ކުރި ގޮތުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ މަސައްކަތެއް ވެސް ސިފައިން ކުރަންޖެހޭނީ ވެރިއެއްގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށް އެ މައްސަލާގައި ދައުވާ އުފުލާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސެކިއުރިޓީ އިންޖާޗު ކާނަލް އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ސިފައިން އަމަލު ކުރި ގޮތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަޔާޒު ވިދާޅުވީ އިއްޒުއްދީން ފާލަމާ ކައިރި ކުރަނިކޮށް، ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުން އޭގައި ތިބި މީހުން ބޭލުމަށްފަހު އެ ލޯންޗުކޮޅު ސިފައިންގެ އުޅަނދުތައް އަޅާ ސަރަހައްދަށް ގެންދިޔުމަށް އޭރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ފޯނުން ގުޅައި އެންގި ކަމަށެވެ. އެ އެންގުން އެންގިއިރު، މުސާ އަލީ ޖަލީލުގެ އަރިހުގައި ރައީސް އަބްދުﷲ ޔާމީން އައި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ތިއްބެވިކަން އެންގިވަޑައިގަންނަވާ ކަމަށް ފަޔާޒު ވިދާޅުވި އެވެ.
ފަޔާޒު އެހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެ ދައުވާގައި ވަނީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ފަޔާޒު އެ ސަރަހައްދަށް ގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައި ކަމަށެވެ.
ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހާދިސާއަށްފަހު ހިނގި ކަންތައްތަކާ ގުޅިގެން ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭނާއަކީ ވެސް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއް ކަމަށާއި އެ ދުވަހު އަމަލުކުރީ އެފަދަ މުވައްޒަފެއްގެ ހައިސިއްޔަތުން އަމަލު ކުރަންޖެހޭ ގޮތަށް ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.
ފަޔާޒު ވިދާޅުވީ އެއްޗެއް ގޮވި ހާދިސާއަށްފަހު ލޯންޗުކޮޅަށް ފުލުހުން ނާރުވަން އެންގެވީ ޗީފް އޮފް ޑިފެންސްފޯސް އަހްމަދު ޝިޔާމް ކަމަށެވެ. އަދި ލޯންޗުކޮޅަށް ސިފައިންގެ އީއޯޑީ ޓީމް (ބޮންފަދަ ގޮވާ ތަކެތި، ނުގޮވާ ގޮތަށް ހަދާ މީހުން) އަރުވައި ޗެކްކުރަން އެންގީ ވެސް ޝިޔާމް ކަމަށް ފަޔާޒު ވިދާޅުވި އެވެ.
ޝިޔާމްގެ އެ އެންގުން ތަންފީޒު ކުރުމުގެ ގޮތުން އޭނާގެ ދަށުން މަސައްކަތް ކުރާ ސ. ފޭދޫ ބުލްބުލް އަހްމަދު ތިހާމް އާއި މާލޭ ދަފްތަރު މޫސާ ޒަމީރަށް ލޯންޗުކޮޅަށް އަރަން އޭނާ އެންގި ކަމަށާއި އެ ދެ މީހުން ލޯންޗަށް އެރީ އޭނާ އަންގައިގެން ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އުފުލާފައި ވަނީ ފަޔާޒުގެ މައްޗަށް އެކަންޏެވެ. ފަޔާޒާއި ތިހާމް އަދި ޒަމީރުގެ މައްޗަށް ވަނީ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވެސް އުފުލާފަ އެވެ.
ތިހާމް ބުނީ އޭނާއަކީ އީއޯޑީ ސެކްޝަންގެ އިންޗާޖު ކަމަށާއި ލޯންޗުކޮޅަށް އަރައި އަމަލު ކުރި ގޮތާ ގުޅޭގޮތުން އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެފަދަ ހާލަތުގައި އީއޯޑީ ޓީމުން އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާފައި ނެތް ކަމަށެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެއްޗެއް ގޮވުމުން އީއޯޑީ ޓީމުން އަމަލު ކުރާނެ އުސޫލެއް 2011 ވަނަ އަހަރުން ފެށިގެން އެކުލަވާލައި އެ އުސޫލަށް އެމްއެންޑީއެފް އިން އަންނަނީ އަމަލުކުރަމުން ކަމަށެވެ. އަދި އެފަދަ އުސޫލެއް ނެތްކަމަށް ބުނި ނަމަވެސް، އީއޯޑީގެ އިންޗާޖުގެ ހައިސިއްޔަތުން އެފަދަ އުސޫލެއް ނެތް ކަމުގެ ޒިންމާ ވެސް ތިހާމް ނަގަންޖެހޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ތިހާމް ބުނީ އޭނާއާއެކު އިތުރުބަޔަކު ލޯންޗުކޮޅަށް އަރައި އޭގެއިން ނެގީ ފަސް ސެންޓިމީޓަރުގެ ފޮއިލްކޮޅަކާއި ދެ ސެންޓިމީޓަރުގެ ސްޕަންޖުކޮޅެއް ކަމަށެވެ. އެތަކެތި ނެގުމަށްފަހު ޖޫސްޕެޓީ ހުސްކުރި ކޮތަޅަކަށް ލުމުން އެއީ މައްސަލައެއް ކަމުގައި ދައުލަތުން ފާހަގަކުރި ނަމަވެސް އެކަމުގެ ސަބަބުން އެތަކެތިން ހެކި ނެތިގެން ނުދާނެ ކަމަށް އޭނާ ބުންޏެވެ.
އެވާހަކައަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ ޖޫސްޕެޓީ ކޮތަޅަކީ ތިހާމް ގެންދިޔަ އެއްޗެއް ނޫން ކަމަށާއި އެއީ ލޯންޗުކޮޅުގެ ތެރެއިން ނެގި ކޮތަޅެއް ކަމަށެވެ.
ލޯންޗުކޮޅުގެ ތެރެއިން ތަކެތި ނެގުމުގައި އަންގި ބޭނުންކޮށްފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެ ވާހަކަތަކަށް ރައްދުދެމުން ތިހާމް ބުނީ ލޯންޗުކޮޅަށް އެރީ އޭނާ އެކަނި ނޫން ކަމަށާއި ލޯންޗުކޮޅަށް އެރި މީހުންގެ ތެރެއިން ބައެއް މީހުން އަންގި ބޭނުން ކުރި ކަމަށެވެ.
ތިހާމްގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އެއްޗެއް ގޮވި ހާދިސާއަށްފަހު ލޯންޗުކޮޅުން ނެގި ތަކެތި ހުޅުލެއަށް ގެންގޮސް ކަމާބެހޭ މެޝިނުން ތަހުލީލުކުރި އިރު ގޮވާޒާތުގެ އެއްޗެއް ބޭނުންކުރި ކަމުގެ ހެއްކެއް ނެތް ކަމަށެވެ.
ދައުވާ ލިބޭ ޒަމީރު ބުނީ އޭނާ ލޯންޗުކޮޅަށް އެރީ ވެރިން އަންގައިގެން ކަމަށާއި އޭނާ ކުށްވެރިވާނަމަ ވެރިން ވެސް ކުށްވެރިވާން ޖެހޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ މީހުން ވެސް ވަނީ ހެކި ހުށަހަޅާފަ އެވެ.
އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ފަޔާޒު ރިމާންޑު ޖަލުގައި ބެހެއްޓުމަށް އަދި ތިހާމާއި ޒަމީރު ޝަރީއަތް ނިމެންދެން ގޭބަންދު ކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.