21 Apr 2016, 19:27
ބޭންކް އޮފް މޯލްޑިވްސްގައި ހުުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން، ވޭތުވެދިޔަ ފަސް އަހަރު އެއްވެސް މުއާމަލާތެއް ނުކޮށް ހުރި 1،400 އެއްހާ ބޭންކް އެކައުންޓު އެކްޓިވޭޓު ކުރުމަށް އެ އެކައުންޓްތަކުގެ ވެރިފަރާތަށް، ޖޫން 26، 2016 އާ ހަމައަށް ބީއެމްއެލްއިން މުހުލަތެއް ދީފި އެވެ.
ބީއެމްއެލުން ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރި އެންގުމެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނުގެ ދަށުން، އެކައުންޓުގެ ވެރިފަރާތެއް ފަސް އަހަރު ވަންދެން އެއްވެސް މުއާމަލާތެއް ނުކޮށް، ނުވަތަ އެއްވެސް ލިޔުމެއް ނުފޮނުވައި ވާ ނަމަ އެއީ ޑޯމަންޓް އެކައުންޓެއް، ނުވަތަ މުވާމަލާތް ނުކުރާ އެކައުންޓެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.
ބީއެމްއެލްގެ އެންގުމުގައި ބުނީ، އެފަދަ އެކައުންޓްތަކާ މެދު ބީއެމްއެލްއިން އަމަލު ކުރަންވީ ގޮތް ބެލުމަށް އެ އެކައުންޓްތަކުގެ ވެރިފަރާތަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، ޖަވާބު ނުފޮނުވާ ފަރާތްތަކުގެ އެކައުންޓް، ޑޯމަންޓް އެކައުންޓް ލިސްޓުގައި ހިމެނުމަށްފަހު އެ ލިސްޓު އާންމު ކުރާނެ ކަމަށެވެ.
ބީއެމްއެލުން ވަނީ ޑޯމަންޓް އެކައުންޓްސްގެ ލިސްޓު އާންމުކޮށްފަ އެވެ. އެ ލިސްޓުގައި 1،396 އެކައުންޓެއް ހިމެނެ އެވެ.
ބޭންކުން ބުނީ، ނޫސްތަކުގަ އާއި ގެޒެޓުގައި އެ ލިސްޓު 60 ދުވަސް ވަންދެން ޝާއިއު ކުރާނެ ކަމަށާއި، އެއަށް ފަހު އެކައުންޓު ބަންދުކުރެވި، އެކައުންޓުތަކުގައިވާ ފައިސާ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލު ކުރާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެކައުންޓް އެކްޓިވޭޓު ކުރަން ބޭނުންނަމަ، ބޭންކުގައި ހުންނަ "މައުލޫމާތު ފޯމެއް" ފުރިހަމަ ކުރުމަށްފަހު، އެކައުންޓް އެކްޓިވޭޓު ކުރުމަށް އެދޭ ސިޓީއެއް 26 ޖޫންގެ ކުރިން ބީއެމްއެލްއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި ޖަވާބު ނުލިބުމުގެ ސަބަބުން އެކައުންޓް ބަންދުކޮށް، އެމްއެމްއޭއާ ފައިސާ ހަވާލު ކުރުމުން، އެ ފައިސާ ހޯދުމަށް އެކައުންޓްގެ ވެރިފަރާތުން ޖެހޭނީ "ޑޯމަންޓް އެކައުންޓުގައި ހުރި ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކޮށް، އެމްއެމްއޭއަށް ހުށަހަޅާން ކަމަށާއި، އޭރުން އެ ފައިސާ ފަސޭހަކަމާ އެކު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.