ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބެން ހުރި މަތީ ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާއި ގުޅޭ ދާއިރާތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ތައުލީމީ ފެއާ، "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ފެއާ ހުޅުއްވައިދެއްވީ މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދާއި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ފެއާ އިންތިޒާމްކުރަނީ ރާއްޖޭގެ އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑުންނާއި ލަންކާގެ ލަންކާ އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (ލެކްސް) އެވެ.

މިދިޔަ 2010 ވަނަ އަހަރުން ފެށިގެން "މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ" ގެ ނަމުގައި ބާއްވަމުން އަންނަ އެ ފެއާ މިއަހަރު ބާއްވާފައި ވަނީ، ރީ ބްރޭންޑްކުރުމަށްފަހު އެހެން އަހަރުތަކަށްވުރެއް ގިނަ ތައުލީމީ އިދާރާތަކާއެކުގަ އެވެ.

އަސަރީ ސާވިސް އިން ބުނީ، އެ ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 50 އަށްވުރެ ގިނަ ކޮލެޖް، ޔުނިވާސިޓީ އަދި ތައުލީމީ އިދާރާތަކުގެ ބައިވެރިވާ ކަމަށެވެ. އަދި ދަރިވަރުންނާއި ވަޒީފާތަކުގައި އުޅުއްވާ ފަރާތްތަކަށް ހާއްސަކޮށްގެން ”ޕާސަނަލް ޑިވެލޮޕްމަންޓް“ ވޯކްޝޮޕްތަކެއް ވެސް ފެއާގެ ތެރެއިން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް އޮތް ތިން ދުވަހުގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ފެއާ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދު އަގުހުރި އިނާމްތަކެއް ލިބޭ ލަކީޑްރޯ އެއް ވެސް ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

އެގޮތުން، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ކޮލޮމްބޯގެ އެޑިއުލިންކް އިންޓަނޭޝަނަލް ކެމްޕަސް އާއި މާކިއުރީ އިންސްޓިޓިއުޓް އާއި ވީޓީއެލް އަދި ސީގިސް ކެމްޕަސް ގެ ފަރާތުން ހުށަހަޅާފައިވާ 14 ޑިސްކައުންޓް ވައުޗާސް ހިމެނެ އެވެ.

މީގެ އިތުރުން، ޕާސަނަލް ކޮމްޕިއުޓާސް އާއި އީ-ލައިފް އަދި އޭއެމްޑީޓީ ޑިޒައިން ކެމްޕަސް އިން ވަނީ ހާއްސަ ހަދިޔާ ޕެކްތަކެއް ވެސް ހުށަހަޅާފައެވެ.