06 May 2011, 15:45
ލ. ގަމުގައި ރޭ ޒުވާނަކަށް ކަނޑިން ހަމަލާދީ އަތް ބުރިކޮށްލި ހަމަލައާ ގުޅިގެން ތުހުމަތުކުރެވޭ ހަ މީހަކާއި ކުޑަ ކުއްޖެއްގެ އިތުރުން މާރާމާރީ ހިންގުމަށް ބޭނުން ކުރި ކަނޑި އެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން މިއަދު ބުނީ ރޭގެ ހަމަލައާ ގުޅިގެން ހަތް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މީހުންނާބެހޭ ތަފްސީލެއް ނުދެ އެވެ. ނަމަވެސް ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް ގަމުގެ އެއްވެސް މެޖިސްޓްރޭޓް ކޯޓެއް ހުޅުވާފައި ނުވާތީ އާއި އެއްވެސް ގާޒީއަކު ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވާގޮތް ވެފައިނުވާ ކަމަށެވެ.
ރޭގެ ހަމަލާގައި ގަމު، މުކުރިމަގު ގޯލްޑަން ކްރޯން އަފުޒަލް އަލީ 20، އަށް ހަމަލާދީ ކަނާތު ކުޑަހުޅާ ހަމައިން އެއްކޮށް ވަނީ ބުރި ކޮށްލާފަ އެވެ. އަތުން ވަކި ނުވެ ވަނީ ހަމައެކަނި ހަން ފަށަ ލައެއް ކަމަށް ގަމު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އައިސީޔޫގައި ފަރުވާ ދެމުން އަންނަ އަފްޒަލަށް އިތުރު ފަރުވާ ދިނުމަށް މިއަދު ހަވީރުގެ ފުލައިޓުން މާލެ ގެންނަން ހަމަޖެހިފައިވާ ކަން ސަން އަށް ވަނީ އެނގިފަ އެވެ. އަފްޒަލަށް ހަމަލާދިނީ ގަމު ޕޮލިސް ސްޓޭޝަން ކައިރީގައި ހުންނަ މޮރާޑޯ ފިހާރައިގައި ސޭޓަކަށް އިންދަ ރޭ 10:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު ފިހާރައިގެ ތެރެއަށް ވަދެ އެވެ.
ގަމުގައި ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލާފައި މިވަނީ އެ އަތޮޅު މާމެންދޫ ގައި ހުރި ޒުވާނަކަށް ހަމަލާދީ އޭނާގެ ކަނާތުފައިގެ ކަކުލު ހުޅު ޒަހަމްކޮށްލިތާ ދެ ހަފުތާ ފަހުންނެވެ.