ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ގޮވި އައިއީޑީ ތައްޔާރުކުރި މީހާ ހެއްކެއްގެ ގޮތުގައި ހުށަހަޅާނެ ކަމަށް ދައުލަތުން ބުނެފި އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގައި ގޮވި އައިއީޑީ ތައްޔާރުކޮށްފައި ވަނީ އަދީބު ބުނެގެން ކަމަށާއި އެ އައިއީޑީ ތައްޔާރުކުރި މީހާ ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާނެ ކަމަށެވެ.

އައިއީޑީ ތައްޔާރު ކުރި މީހާގެ ވަނަވަރެއް ދައުލަތުން ހާމައެއް ނުކުރެ އެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި ސިފައިންގެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި އައިއީޑީ ތައްޔާރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ބަޔަކު ހިމެނެ އެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެމްއެންޑީއެފް ބަޑިގުދަނުގައި މަސައްކަތް ކުރާ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒަކީ ހަވާ އެރުވުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ މީހެކެވެ. އެމްއެންޑީއެފްގައި އޭނާ މަޝްހޫރުވެފައި ވަނީ އެ މަސައްކަތަށް "މޮޅު" މީހެއްގެ ގޮތުގަ އެވެ.

ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު މާލޭގެ އިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގައި ހަރުކޮށްފައިވާ އައިއީޑީ ގޮވުމުގެ ސަބަބުން ލޯންޗުކޮޅުން ދަތުރުކުރި އެކި ފަރާތްތަކަށް ވަނީ އަނިޔާވެފަ އެވެ. އަދި ލޯންޗުކޮޅަށް ވެސް ވަނީ ގެއްލުންވެފައިވެފަ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ އެމަނިކުފާނު ކަމަށް ކުރާ ތުހުމަތުތަކަށް ނައިބު ރައީސް ކަމުގައި ހުންނެވި އިރު ވެސް އަދީބު ގެންދެވީ އިންކާރު ކުރައްވަމުންނެވެ.