ސިނގިރޭސި ޚާރިޖީ އަދި ކޮމަންވެލްތު އޮފީހުން އެކުލަވައިލި، 2015 ވަނަ އަހަރު އިންސާނީ ހައްގުތައް އެންމެ ކަންބޮޑުވާ ހާލަތުގައި ހުރި 30 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ އެވެ.

އިނގިރޭސި ސަރުކާރުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ނެރުނު، އިންސާނީ ހައްގުތަކާ ބެހޭ އަހަރީ ރިޕޯޓު 2015 ގައި، "ހިއުމަން ރައިޓްސް ޕްރަޔޮރިޓީ ކަންޓްރީ"އެއްގެ ގޮތުގައި ރާއްޖެ ލިސްޓު ކޮށްފައި ވަނީ، ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ދަށްވަމުން ދާތީ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އިތުރުން އެ ލިސްޓުގައި ހިމެނޭ އިތުރު ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، ބަންގްލަދޭޝް، ބަހުރޭން، ބަރުމާ، ޗައިނާ، އުތުރު ކޮރެޔާ، ކޮންގޯ، އިރާނާއި އިރާގު، އިސްރާއީލު، ލީބިޔާ، ރަޝިޔާ، ސައުދީ އަރަބިއްޔާ، ދެކުނު ސޫދާން، ސްރީލަންކާ، ސީރިޔާ، ޒިމްބާބުވޭ، ވެނެޒުއޭލާ، ޔަމަނު، ޕާކިސްތާން އަދި ސޮމާލިޔާ ފަދަ ގައުމުތައް ހިމެނެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ، ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތާއި ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލެމުންދާ ކަމަށާއި ސިޔާސީ އަދި މަދަނީ ހައްގުތަކާއި މިނިވަންކަން ވެސް ދަށްވަމުން ދާ ކަމަށެވެ. އޭގެ އިތުރުން، އިދިކޮޅު ސިޔާސީ ފަރާތްތައް "އުސޫލުގެ ބޭރުން" ހައްޔަރުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ނަގާލަމުންދާ ކަމަށާއި 60 އަހަރު ފަހުން މަރުގެ އަދަބު ދިނުން އަނެއްކާވެސް ރާއްޖޭގައި އިޔާދަ ކުރުން ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ.

އެ ރިޕޯޓުގައި ވަނީ، ރާއްޖެއިން ސިޔާސީ ތަފާތު ފިކުރުތަކާއި ޚިޔާލުތަކަށް ފުރުސަތު ދީ، ރައްޔިތުންނަށް ލިބިފައިވާ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ އަސާސީ ހައްގާއި މިނިވަންކަން ރައްކާތެރިކޮށް، ފަނޑިޔާރުގެ މިނިވަންކޮށް، އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ރާއްޖެއަށް ގޮވާލައިފަ އެވެ.

އިނގިރޭސި ފޮރިން އޮފީހުން ބުނީ، އެކި ގައުމުތަކުގެ އިންސާނީ ހާލަތު ރަނގަޅު ކުރުމަށް އިނގިރޭސި ވިލާތުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އިިނގިރޭސި ފޮރިން ސެކްރެޓަރީ ފިލިޕް ހެމޮންޑް ވިދާޅުވީ، އިންސާނީ ހައްގުތައް ކުރިއެރުވުމަކީ ފޮރިން އޮފީހާއި، ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އިނގިރޭސި ޑިޕްލޮމެޓުންގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.