21 Apr 2016, 17:20
ޗެންނާއީ މަގުން ރާއްޖެ އައި ބަންގުލަދޭޝް މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ރާއްޖެ އައި 23 އަހަރުގެ ފިރިހެނެއްގެ އަތުން ކަމަށެވެ.
ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި އެ މީހާ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ، އޭނާގެ ފޮށި ތަންމަތި ބަލައި ފާސް ކުރުމުގެ ތެރެއިން އެއާޕޯޓު ފަސިންޖާ ކްލިއަރެންސް އޮފިސަރުންނަށް އޭނާ އާމެދު ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސް ކުރުމުގެ ތެރެއިން ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.
އެގޮތުން ބަލައި ފާސް ކުރި އިރު ބަރުދަނުގައި 140 ގުރާމް ހުރި ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި އެ ތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމަސް އިން ބުނީ، ހައްޔަރު ކުރި ބަންގުލަދޭޝްގެ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.