21 Apr 2016, 16:18
ށ. ފުނަދޫ އެއާޕޯޓާއި ހދ. ކުޅުދުށްފުށި އެއާޕޯޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
އެ ދެ އެއާޕޯޓް ހެދުމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވަނީ ކުރިން ކުރި އިއުލާނުގައިވާ ލިޔުމުގެ ކުށެއްގެ ސަބަބުން އެއިއުލާނު ބާތިލުކުރުމަށް ފަހު ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
މިއަދު ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ކުޅުދުށްފުށި އެއާޕޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ދެލައްކަ ރުފިޔާ ނުވަތަ އެއާ އެއްވަރު ޔޫއެސް ޑޮލަރު ބަހައްޓަންވާނެ ކަމަށެވެ. އަދި ށ. ފުނަދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ވެސް ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ހަމަ އެއަދަދަށް ފައިސާ ބަހައްޓަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 208 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމެންޓް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ވަނީ ބުނެފަ އެވެ.
އެ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ ބަލައިގަންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މޭ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތުގެ ޕްރީބިޑު ބައްދަލުވުން އޮންނާނީ މޭ މަހުގެ 10 ވަނަ ދުވަހު ހެނދުނު 11:00 ޖަހާއިރު ކަމަށެވެ. އަދި އެ މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ މޭ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މެއިލް ކުރުން އެދޭ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:00ގައި ކަމަށެވެ.