21 Apr 2016, 20:33
ރާއްޖެއަށް މުޅިން އާ ކޯހަކާއެކު މެއި މަހާއި ޖޫން މަހުގެ އިންޓޭކުގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެވިޑް ކޮލެޖުން ހުޅުވާލައިފި އެވެ.
ރާއްޖޭގައި 2005 ވަނަ އަހަރުން ފެށިގެން ތައުލީމު ދެމުން އަންނަ އެވިޑް ކޮލެޖުން އަންނަ މެއި މަހާއި ޖޫން އިންޓޭކަށް ވަނީ އެ ކޮލެޖުގެ ހަތަރު ފެކަލްޓީ އިން ވެސް ކޯސްތައް ހުޅުވާލަފަ އެވެ.
އެގޮތުން މާސްޓާޒް ފެންވަރުގެ ދެ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯހަކާއި ބެޗްލާސް ޑިގްރީ ފެންވަރާއި ޑިޕްލޮމާ ފެންވަރުގެ ހަ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މީގެ އިތުރުން، އެސޯސިއޭޓް ޑިގްރީ ފެންވަރުގެ ހަތަރު ކޯހަކާއި ފައުންޑޭޝަން އަދި އެޑްވާންސް ސެޓްފިކެޓްގެ ތިން ކޯހަކާއި ސެޓްފިކެޓް ތިނެއް ފެންވަރުގެ ދެ ކޯހެއް ވަނީ އިއުލާންކޮށްފަ އެވެ.
އަންނަ މެއި މަހާއި ޖޫން މަހުގެ އިންޓޭކަށް އެވިޑް ކޮލެޖުން ތައާރަފް ކުރި އާ ކޯހަކީ ބެޗްލާސް އޮފް ޕްރޮޖެކްޓް މެނޭޖްމަންޓެވެ. ތިން އަހަރު ދުވަހުގެ މުއްދަތުގެ އެ ކޯހަށް ރެޖިސްޓްރޭޝަން ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
އެ ކޯހަށް ފުރަތަމަ އަހަރު ދައްކަން ޖެހެނީ މަހަކަށް 2000 ރުފިޔާ އެވެ. ބާކީ އޮންނަ ދެ އަހަރަށް ދައްކަން ޖެހެނީ މަހަކަށް 2800 ރުފިޔާ އެވެ.
އެ ކޯހުގެ އިތުރުން އެވިޑް ކޮލެޖުން ވަނީ މެއި މަހާއި ޖޫން އިންޓޭކަށް އިތުރު ދެ ކޯހެއް އަލުން ފަށަން ވަނީ ނިންމާފައެވެ. އެއީ ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ އިން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ކޯހާއި ބެޗްލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (ސޮފްޓްވެއާ އިންޖިނިއަރިން) ކޯސް ހިމެނެ އެވެ.
އެވިޑް ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު މުހައްމަދު ލުތުފީ ވިދާޅުވީ، މިފަހަރުގެ އިންޓޭކަށް އެ ކޮލެޖުގައި އަލަށް ފަށާ އެ ކޯސްތަކުގެ ފީ އިން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން، މެއި މަހާއި ޖޫން އިންޓޭކަށް ހާއްސަ ކޮށްގެން މާދަމާ ހަވީރާއި ރޭގަނޑު އަމީނީ މަގުގައި ހުންނަ އެ ކޮލެޖުގެ މައި ކެމްޕަހުގައި ކުރިއަށްދާ ހަރަކާތުގައި ބައިވެރިވެ ފޯމް ފުރިހަމަކުރާ ދަރިވަރުންނަށް ކޯހުގެ ރެޖިސްޓްރޭޝަން ފީ ހިލޭ ހަމަޖެހިގެން ދާނެއިރު، 10 ޕަސެންޓުން ފެށިގެން 20 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.