އިނގިރޭސި ޕްރިމިއަރ ލީގްގައި ރޭ ކްރިސްޓަލް ޕެލަސްގެ މައްޗަށް 0-2ގެ ނަތީޖާ އަކުން މެންޗެސްޓާ ޔުނައިޓެޑް ކުރި ހޯދުމުން އެ ޓީމް ގަދަ ހަތަރަކަށް ކުރަމުން އަންނަ އުންމީދު އާވެއްޖެ ކަމަށާއި ނަމަވެސް މައްސަލައަކީ ގޯލު މަދުން ޖެހުން ކަމަށް އެ ޓީމުގް ކޯޗު ލުއިސް ވެން ހާލް ބުނެފިއެވެ.

"ޔުނައިޓެޑްގެ ކުޅުން އަންނަނީ ރަނގަޅު ވަމުން. މި ޓީމްގެ ފަރާތުން އަދިވެސް ތަފާތު ކުޅުމެއް ފެނިގެންދާނެ. ގަދަ ހަތަރެއްގައި ލީގް ނިންމާލެވޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް،" ވެން ހާލް ބުންޏެވެ.

ރޭގެ ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ 59 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގައެވެ. ޔުނައިޓެޑަށް ވުރެން އެއް ޕޮއިންޓް އިތުރަށް ލިބިގެން ހަތަރު ވަނައިގައި އާސެނަލް އޮތް އިރު ރޭ ޔުނައިޓެޑް އަތުން ބަލިވި ޕެލަސް އޮތީ ލީގްގެ 16 ވަނައިގައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު އެ މެޗެގެ ހަތަރު ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ލިބުނުއިރު އެ ގޯލަކީ ކްރިސްޓަލް ޕެލެސްގެ ޑޭމިއަން ޑެލޭނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެ ގޯލަށްފަހު ވެސް ޔުނައިޓެޑުން ގިނަ ހަމަލާތަކެއް ޕެލަސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް އެ ޓީމްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ޔުނައިޓެޑްގެ ދެވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ މައްޓާއޯ ޑާމިއަން އެވެ.