21 Apr 2016, 15:44
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އެއް މަސް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފި އެވެ.
ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ނާޒިމް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު 11:45 ގަ އެވެ.
ނާޒިމްގެ އިތުރުން ހިންމަފުށީ އައްސޭރިޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވެސް ވަނީ އެއް މަސް ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ނާޒިމް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އެ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ނާޒިމަށް އިއްވި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނާޒިމް ވަނީ ނިންމައިފަ އެވެ.