ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ރާއްޖެ ވަޑައިގެން ކަރެކްޝަން އަށް ރިޕޯޓްކޮށްފި އެވެ.

މިއަދު ހެނދުނު 11:45 އެހާކަންހާއިރު ނާޒިމް ރާއްޖެ ވަޑައިގެން ކަރެކްޝަންއާ ހަވާލުވެވަޑައިގެންފައި ވަނީ ސިންގަޕޫރުގައި ބޭސްފަރުވާގައި ހުންނަވައި ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދިވަޑައިގަތުމުން، 48 ގަޑިއިރު ތެރޭ ރާއްޖެ އައުމަށް މިދިޔަ އަންގާރަ ދުވަހު އެންގުމާ ގުޅިގެންނެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އެ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް އިއްވި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އަދި އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނާޒިމް ވަނީ ނިންމައިފަ އެވެ.