ރާއްޖޭގެ ނެޓްބޯޅަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ސްރީ ލަންކާގެ ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު ރާއްޖެ އަތުވެއްޖެ އެވެ.

ޖުމްލަ 20 ކުޅުންތެރިންނާއެކު ރޭ މާލެ އައިސްފައިވާ ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު ރާއްޖޭގެ ވެޓެރަންސް ޓީމާ ދެކޮޅަށް މިރޭ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ ވެޓެރަންސް ޓީމާ ދެކޮޅަށް ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައި ސޯޝަލް ސެންޓަރު ނެޓްބޯޅަ ކޯޓުގައެވެ.

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު އިންޓަ ސްކޫލް ޕޭރެންޓް ޓީޗާސް ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ހަ ޓީމަކާ ދެކޮޅަށް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ލަންކާގެ ލަޔަން ކްލަބުގެ ޓީމާ ދެކޮޅަށް ނުކުންނަ ހަ ޓީމު މިރޭ ނިންމާނެ ކަމަށެވެ.

ޕޭރެންޓް ޓީޗާސް ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ހޮވާލެވޭ ހަ ޓީމާ ދެކޮޅަށް ޖުމްލަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެއީ ކޮންމެ މެޗެއްގެ ކުއާޓާއެއްގައި އޭގެ ތެރެއިން ޓީމެއް ނުކުންނަ ގޮތަށެވެ.

އެކުވެރިކަމުގެ މެޗުތަކަށްފަހު، ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.