21 Apr 2016, 14:29
زينبއާއިزيدގެ ކާވެނިފުޅު
جحش بن رئابގެ ޢާއިލާ މަދީނާގައި ވަޒަންވެރިވެވަޑައިގެންނެވިފަހުން ދުވަސްކޮޅެއް ވެއްޖެއެވެ. ކައުސާހިބާصلّى اللّـه عليه وسلّمމައްކާގެ މުހާޖިރުންނާއި މަދީނާގެ އަންޞާރުންނާ ދެމެދުގައިވަނީ ތާރީޚުން ދެވަނަ މިސާލެއް ނުފެންނަފަދަ ފުރިހަމަ އެކުވެރިކަމަކާއި އުޚުއްވަތްތެރިކަމެއް ޤާއިމުކުރައްވައިފައެވެ.
ފަހުޒަމާނުގެ ނަބިއްޔާصلّى اللّـه عليه وسلّمނަބީކަމާއިގެން ފޮނުއްވި މަޤްޞަދުތަކުގެ ތެރޭގައި އިންސާނުން އަޅުވެތިކުރުން މުލުންލުހެލައްވައި އިންސާނުންގެ މެދުގައި ފުރިހަމަ މުސާވާތެއް ޤާއިމުކުރެއްވުންވެސް ހިމެނެއެވެ. އިތުރު ސާހިބާ ނަބީކަމާއިގެން ފޮނުއްވުމުގެ ކުރީން އަޅުންނާމެދު ބެލެވެމުންއައީ އިންތިހާދަރަޖައިގެ ނިކަމެތިކަމުގެ ނަޒަރަކުންނެވެ. އަޅަކު މިނިވަންވިކަމުގައިވިޔަސް، އެމީހެއްގެ އިޖްތިމާޢީ ޙައިޘިއްޔަތަކަށް ބަދަލެއްނާދެއެވެ. އެމީހަކާމެދު ކަމޭހިތުމުގެ ނަޒަރަކުން ބެލެވޭތަނެއް ނާދެއެވެ. ހަމަހަމަކަމާއެކު މުޢާމަލާއެއް ނުކުރެވެއެވެ. މިނިވަންވެފައިތިބޭ އަޅުންނާމެދުވެސް ބެލެވެމުންއައީ ދަށުފަންތީގެ ބައެއްކަމުގައެވެ. "ތުނޑު ސުފުރާއަށް އަތްހަމަނުވާ" ބައެއްކަމުގައެވެ. ޢަރަބީންގެ މާތްމީހުން އެފަދަމީހުންނާ ތިމާމެންގެ ދަރީން ކާވެނީގެ ގުޅުމުން ގުޅުވުން އެއްކިބައިގައި އޮއްވައި، ރައްޓެހި ރަޙްމަތްތެރިކަމުގެ ގުޅުން ބާއްވާކަށެއްވެސް ނުރުހެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ބޭނުންފުޅުވީ ނަސްލީ އިމްތިޔާޒުގެ އެ ތަޢައްޞުބު އުވައިލެއްވުމަށެވެ. ޖާހިލިއްޔަތުގެ ބޮޑާކަން ނައްތައިލެއްވުމަށްޓަކައި އާދަޔާޚިލާފު ނަމޫނާއެއް ދެއްކެވުމަށެވެ. ޤިޔާމަތާ ހަމަޔަށް އެފިޔަވަޅުފުޅެއްގެ މިސާލެއް ނެތްކަމުގައި ބެލެވޭފަދަ ފިޔަވަޅުފުޅެއް އެޅުއްވުމަށެވެ. އިތުރު ސާހިބާ ޤަޞްދުކުރެއްވީ މަވާލީއަކާއި ނަސަބުން އަރައިއިންނެވި ބޭކަނބަލަކާ ކާވެނިކޮށްދެއްވުމަށެވެ. މައްސަލައިގެ ބާވަތުން ދުރުހިލޭ ބަޔަކު އެކަމަށް ތައްޔާރުކުރެއްވުމުގެ ކުރީން ޚުދު އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅުންނާއި އެމާތް ސާހިބާގެ ޢާއިލާގެ ތެރެއިން އެކަމުގެ މިސާލު ދެއްކެވުމަށެވެ. ރިބާ ޙަރާމްކުރެއްވުމުގެ މިސާލެއް ޤާއިމްކުރެއްވުމަށްޓަކައިعبّاس بن عبد المطّلبرضى اللّـه عنــهގެ ރިބާތައް ކަނޑުއްވައިލެއްވި ފަދައިންނެވެ. ޖާހިލިއްޔަތުގެ ޒަމާނުއްސުރެ ދަޢުވާކުރެވެމުން އަންނަ މަރުގެދިޔަތައް އުވާލެއްވުމަށްޓަކައިربيعة بن حارث بن عبد المطّلبގެ ދަރިކަލުންގެ ދިޔަ ކަނޑުއްވައިލެއްވި ފަދައިންނެވެ. އެހެންކަމުންالسّيّدة زينبއާއިزيد بن حارثة رضى اللّـه عنــهއާ ކާވެނިކޮށްދެއްވަން ޤަޞްދުކުރެއްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمމިމަތިވެރި މަޤްޞަދަށްޓަކައި ޚިޔާރުކުރެއްވީالسّيّدة زينب بنت جحش رضى اللّـه عنــهاއަކީ އެކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ދަރިކަނބަލުންނެވެ. އެކަމަނާއަކީ ހުވަފަތްވެވަޑައިގެންފައި އިންނެވި ބޭކަނބަލެކެވެ. (أمّهات المؤمنين،ޕްރޮފެސަރخالدޕަރުވޭޒު، ޞަފްޙާ: 220)
ތަފްޞީރު އައްޠަބަރީއަށް ޙަވާލާދީ ޕަންޖާބު ޔުނިވަރސިޓީގެ އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމްގައި ލިޔެފައިވާގޮތުގައި، ކައުސާހިބާصلّى اللّـه عليه وسلّم،السّيّدة زينب بنت جحشގެ އަރިހަށް ވަޑައިގެން ޙަދީޘު ކުރެއްވިއެވެ. "ކަމަނާ ބޭނުންފުޅުނަމަ ކަމަނާގެ ކާވެނިފުޅުގެ ކަންތައް އިންތިޒާމުކޮށްދެއްވަންތޯއެވެ."السّيّدة زينب رضى اللّـه عنــهاއަށް ހީފުޅުވީ ޚުދު ކައުސާހިބާ އެކަމަނާއާ ކާވެނިބައްލަވަން އުޅުއްވަނީކަމުގައެވެ. އެކަމަކީ އެކަމަނާއާއި އެކަމަނާގެ ޢާއިލާގެ ހުވަފެންފުޅެކެވެ. އެހެންކަމުން ވަގުތުން ޖަވާބު ދެއްވިއެވެ. "ކަލޭގެފާނު ބޭނުންފުޅު ގޮތަކަށް ހަމަޖައްސަވާށެވެ." ނަމަވެސް އިތުރު ސާހިބާزيد بن حارثة الكلبى رضى اللّـه عنــهގެ ނަން ވިދާޅުވުމުންالسّيّدة زينبއިންކާރުކުރެއްވިއެވެ. ވިދާޅުވިއެވެ. "އަޅުގަނޑު އޭނާއާ ކާވެނިކުރާކަށެއް ބޭނުމެއްނޫނެވެ. އަޅުގަނޑަކީ ޤުރައިޝުވަންހައިގެ އައްޔަމް (ހުވަފަތްވެފައިވާ) އަންހެނަކީމެވެ." (އުރްދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް، ވޮލިއުމް: 10، ޞަފްޙާ: 565)
(السّيّدة زينب بنت جحش رضى اللّـه عنــها،زيد بن حارثة رضى اللّـه عنــهގެ ކުރީން އެހެންމީހަކާ ކާވެނިބައްލަވައިގެންނެވި ވާހަކަ ޢާއްމުކޮށް ސީރަތު ފޮތްތަކުގައެއް ނުހުރެއެވެ. އަޅުގަނޑު މި ޙަވާލާދިން އެންސައިކްލޮޕީޑިޔާއަކުވެސް، ޕްރޮފެސަރ ޕަރުވޭޒުގެ ފޮތަކުވެސް އެކަމުގެ އިތުރު ތަފްސީލެއް ނެތެވެ. ނަމަވެސް އެޒަމާނުގެ ޢަރަބީންގެ އާދަކާދަޔަށް ވިސްނާއިރުالسّيّدة زينب رضى اللّـه عنــهاފަދަ ރީތި، ޚުލުޤުފުޅު މާތް، ނަސަބުން އަރާއިންނެވި ބޭކަނބަލަކު އުމުރުފުޅުން ތިރީސް އެތައް އަހަރެއްވާއިރުވެސް މީހަކާ ކާވެނިބައްލަވައިނުގެން އިންނެވުމަށްވުރެ ބޮޑަށް އެކަށީގެންވަނީ، މަތީގައި އެވާ ހަވާލާތަކުގައި އެވާގޮތަށް އެކަންވެފައި އޮތުމެވެ. އެކަމަނާގެ ދެ އުޚުތުންވެސް ތިއްބެވީ ޖާހިލިއްޔަ ޒަމާނުގެވެސް އިސްލާމީ ދައުރުގެވެސް ދެ އަޝްރާފުންކަމުގައިވާ ދެބޭކަލަކާ ކާވެނިބައްލަވައިގެންނެވެ.)
ކައުސާހިބާصلّى اللّـه عليه وسلّمގެ މިހުށަހެޅުއްވުމުގެ ޚަބަރު މަދީނާގައި ޢާއްމުވުމުން މީހުނަށް ލިބުނީ ވަރަށްބޮޑު ޙައިރާންކަމެކެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ދަރިކަނބަލުންނާ މަވާލީއަކާ ކާވެނިކޮށްދެއްވަން އުޅުއްވާތީއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއެކަމަށް ވަރަށްބޮޑަށް ބާރުއެޅުއްވިއެވެ. އިރްޝާދު ދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. ކާވެނިކުރުމުގައި ބައިވެރިޔާގެ ދީންވެރިކަމާއި، އަޚްލާޤު ފިޔަވައި އެހެނިހެން މިންގަނޑުތަކަކުން ކުފޫހަމަކުރާނަމަ، މުޖްތަމަޢުގައި ޢާއްމުވާނީ ފަސާދައެވެ. ނަމަވެސް،السّيّدة زينبއާއި އެކަމަނާގެ ޢާއިލާއިން އެކާވެންޏަށް ރުހޭބަސްފުޅެއް ނުދެއްވިއެވެ.
އެކަމާވިދިގެން ކީރިތި ޤުރްއާނުގެسورة الأحزابގެ 35 ވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގެ އަޞްލު ރޫޙަކީ، ނުވަތަ މަފްހޫމަކީ އިސްލާމީ ނަޒަރިއްޔާއާއި، އިސްލާމީ ފިކުރާއި، އިސްލާމީ ޝަޚްޞިއްޔަތުގެ ވެރި މުސްލިމުންނަކީ ހަމަހަމަ ބައެއްކަން އެންގެވުމެވެ. އެބައިމީހުންގެ މެދުގައި އޮންނަންޖެހެނީ ގާތްކަމާއި، ލޯތްބާއި، ހިތްހެޔޮކަންކަން ބަޔާންކުރެއްވުމެވެ. އޭގެތެރެއިން އެއްބަޔަކީ، އަނެއްބަޔަކު ޤަދަރުކުރަންޖެހޭ ބައެއްކަން އެންގެވުމެވެ. ޢާއިލީ ބޮޑާކަމާއި، އިމްތިޔާޒާއި، ޖާހިލީ ޢަޞަބިއްޔަތަށް ކުޑަވެސް ޖާގައެއް ނެތްކަން ބަޔާންކުރެއްވުމެވެ. މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ކުފޫހަމަވާކަން އެންގެވުމެވެ.
ކީރިތި ޤުރްއާނުގައި ހަމައެކަނި މި އިރްޝާދަކުން ފުއްދައެއް ނުލެއްވިއެވެ.سورة الأحزابގެ 36 ވަނަ އާޔަތުގައި ވަކީން ޞަރީޙަކޮށް އެކަން އެންގެވިއެވެ. މާތްاللّـهއާއި އެކަލާނގެ ރަސޫލާ، ކަމެއް ވަކިގޮތަކަށް ކުރުމަށް އަންގަވާހިނދު، އީމާންވެގެންހުރި ފިރިހެނަކަށްވެސް އީމާންވެގެންހުރި އަންހެނަކަށްވެސް އެގޮތަކާ ޚިލާފަށް ތިމާމެންގެ އަމިއްލަ ނިންމުމެއް ނިންމުމުގެ ޖާގައެއް ނެތްކަން އެންގެވިއެވެ. އެގޮތުން މާތްاللّـهއާއި އެކަލާނގެ ރަސޫލާއަށް ނުކިޔަމަންތެރިވާ މީހުން އެދަނީ ފާޅުވެގެންހުރި މަގުފުރެދުމަކުން މަގުފުރެދިގެންކަން ބަޔާންކުރެއްވިއެވެ. އަރަހުށި މާތްاللّـهމުސްލިމުންގެ މެދުގައި ހުޅުއްވައިލެއްވި ކާވެނީގެ ހަމަހަމަކަމުގެ ދޮރު، މުސްކުޅި ޖާހިލިއްޔަތުގެ މިންގަނޑުތަކަށް އަހަންމިއްޔަތުދީ ބަންދުކުރުމަކީ ގޮތްދޫނުކުރުންކަން އެންގެވިއެވެ. އެފަދަ ބޯހަރުކަމާއި ގޮތްދޫނުކުރުމުގެ އެންމެފަހުގެ ނިމުމަކީ، މަގުފުރެދުންކަން އެންގެވިއެވެ.
السّيّدة زينبގެ ޢާއިލާގެ ބޭފުޅުންނަށް މި ދެއާޔަތް އަޑުއިވިވަޑައިގަތުމުން، އެ ދެ އާޔަތުގެ މަފްހޫމް ވިސްނިވަޑައިގެންނެވިއެވެ.زيدގެ ފާނާއިزينبގެ ކާވެނިފުޅާމެދު ރުހިވަޑައިގެންނެވިއެވެ. މާތްކަމާއި މޮޅުދެރަކަމުގެ ޖާހިލީ މިންގަނޑު ފުނޑުފުނޑުވީ ކަހަލައެވެ.
زيد بن حارثة رضى اللّـه عنــهގެ ފަރާތްޕުޅުން މިކާވެނިފުޅުގެ ކީރަން (ދިހަ ދީނާރާއި ފަސްދޮޅަސް ދިރުހަމް) އަދާކުރެއްވީވެސް ޚުދު ކައުސާހިބާصلّى اللّـه عليه وسلّمއެވެ. އޭގެއިތުރަށް ކާވެނިފުޅާ ގުޅިގެންزينبއަށް އަރުވަންޖެހޭ ހެދުންކޮޅުވެސް ދެއްވީ ކައުސާހިބާއެވެ. އެދެކަނބަލުން ދިރިއުޅުއްވާނެ ގެއެއް ހަމަޖައްސަވައިދެއްވައި، އެގެއަށް ގެވެހިކަންވާރުވެސް ހޯއްދަވައިދެއްވިއެވެ. ނަމަވެސް ކާވެނިފުޅަށްފަހު އަހަރެއްހައިދުވަސްވީއިރުވެސް އެދެމަފިރިކަނބަލުންނަށް އެކުއުޅުއްވޭގޮތެއް ނުވިއެވެ. ދެކަނބަލުންގެ މިޒާޖުފުޅާއި ޚިޔާލުފުޅުގެ ތަފާތު، އޭގެގޮތުގައި ދެމިއޮތެވެ.
އެހައިތަނުން، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ޝަކުވާތައް ހުށަހެޅޭން ފެށިއެވެ. މައްސަލަތައް ޙައްލުވެ، ގޮށްތައް މޮހެވުމުގެ ބަދަލުގައި، ދުވަހެއް ދުވަހަކަށްއައީ ހަމަނުޖެހުންތައް އިތުރުވަމުންނެވެ. ބޮޑެތިވަމުން، ފުޅާވަމުންނެވެ. އެންމެފަހުންزيد بن حارثة رضى اللّـه عنــه،السّيّدة زينب رضى اللّـه عنــهاވަރިކުރައްވަން ޤަޞްދުކުރައްވައި، ކައުސާހިބާصلّى اللّـه عليه وسلّمއާ މަޝްވަރާ ކުރެއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމާ ނުހަނު ކަންބޮޑުވެވަޑައިގެންނެވިއެވެ. މުޖްތަމަޢުގައި އިސްލާމީ ހަމަހަމަކަމުގެ މިސާލެއް ޤާއިމުކުރެއްވުމުގެ އިންޤިލާބީ ފިޔަވަޅެއްގެގޮތުން، އެމާތް ސާހިބާގެ ޢާއިލާގެ މެމްބަރަކާ "މަވާލީ" އަކާ ކޮށްދެއްވި ކާވެނިފުޅެއް ރޫޅޭން އުޅޭތީއެވެ. އެކާވެނިފުޅަކީ، ކައުސާހިބާގެ މަޝްވަރާއާއި ބާރުއެޅުއްވުމުގެ އިތުރަށް، މާތްاللّـهގެ މަގުދެއްކެވުމާއި، އިރްޝާދު ދެއްވުންވެސް ހިމެނޭ ކާވެނިފުޅަކަށްވާތީއެވެ. އެކާވެނިފުޅުގައިزيدގެ ފަރާތްޕުޅުން ބެލެނިވެރިޔަކަށް ހުންނެވީވެސް ޚުދު ކައުސާހިބާ ކަމުގައިވާތީއެވެ. އެހެންކަމުން، އެކާވެނިފުޅު ރޫޅުނަނުދެއްވުމަށް، އިތުރު ސާހިބާ ތަކުރާރުކުރައްވައި މަސައްކަތްޕުޅު ކުރެއްވިއެވެ. އަނބިކަނބަލުން ވަރިނުކުރެއްވުމަށާއި، މާތްاللّـهއަށް ތަޤްވާވެރިވެވަޑައިގަތުމަށްزيدއަށް ނަސޭހަތްދެއްވައި އިރްޝާދު ދެއްވިއެވެ. ކީރިތި ޤުރްއާނުގެسورة الأحزابގެ 37 ވަނަ އާޔަތުގައިވެސް ވަނީ އެވާހަކަ ބަޔާންކުރައްވައިފައެވެ. އެ އާޔަތުގައިވެއެވެ.
"اللّـهއެމީހަކަށް (އިސްލާމީ ހިދާޔަތުގެ) ނިޢުމަތްދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވައިފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ. ތިބާގެ އަނބިމީހާ ދޫކޮށްނުލައި ތިބާގެ ގާތުގައި ބައިންދާށެވެ! އަދިاللّـهއަށް ތަޤްވާވެރިވާށެވެ!" (سورة الأحزاب:37)
ނަމަވެސް އެންމެފަހުގެ ނިމުމަކަށްވީ،زيد بن حارثة رضى اللّـه عنــه، السّيّدة زينب رضى اللّـه عنــهاވަރިކުރެއްވުމެވެ. މިކާވެނިފުޅުގެ ނަތީޖާއެއްގެގޮތުން،زيد بن حارثة رضى اللّـه عنــهގެ ހިތްޕުޅުގައިވެސް ޝަކުވާތަކެއް އުފެދުމަކީ ޠަބީޢީކަމެކެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّمހަމަهاشمވަންހައިންزيدއަށް އެހެން އަނބިކަނބަލަކު ހޯއްދަވައިދެއްވިއެވެ.
(ނުނިމޭ)