ކިޔަވައިދިނުމަށް ޓީޗަރުންނަށް ބޭނުންވާނޭ ޒަމާނީ އާ ގޮތްތަކާއި ހިޔާލުތައް ބައިނަލްއަގްވާމީ މާހިރުންގެ ތަޖުރިބާގައި، ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންނަށް ހިއްސާކުރުމަށް ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަހާސިންތާ ފަށައިފި އެވެ.

އައިލޭންޑާސް އެޑިޔުކޭޝަންއާއި ރާއްޖޭގެ ތައުލީމު ކުރިއަރުވާ ޓީޗަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާފައުންޑޭޝަން ފޮރ އަ ބެޓަރ ފިއުޗަރއިން "އިނޮވޭޓިވް އެޑިއުކޭޝަން ސިމްޕޯސިއަމް"ގެ ނަމުގައި ބާއްވާ މަހާސިންތާ ކުރިއަށްދަނީ މިއަދު ހިރިޔާ ސްކޫލުގައެވެ.

މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ މަހާސިންތާގައި މިއަހަރު މާލޭގައި ސަރުކާރުން ހިންގާ 16 ސްކޫލަކުން 500 އަށްވުރެގިނަ ޓީޗަރުން ބައިވެރިވެފައިވެ އެވެ. އެ މަހާސިންތާއަކީ ހިލޭ ބައިވެރިވެވޭ މަހާސިންތާއެކެވެ.

ހިރިޔާ ސްކޫލުގައި ކުރިއަށްދާ އިނޮވޭޓިވް އެޑިއުކޭޝަން މަހާސިންތާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއަހަރުގެ މަހާސިންތާގެ ޝިއާރަކީ 'ރިއިންވެންޓިން ދަ ލާނިން ސްޕޭސް' ނުވަތަ އުނގެނުމުގެ މާހައުލު އެހެން ގޮތަކަށް ބަދަލުކޮށްލުމެވެ.

މަހާސިންތާގެ މައުލޫމާތު ސަން އަށް ދެއްވަމުން ފައުންޑޭޝަން ފޯރ އަ ބެޓަރ ފިއުޗާގެ ފަރާތުން މަހާސިންތާގައި ހަރަކާތްތެރިވާ ލީޑް ކޯޑިނޭޓަރު ފާތިމަތު ޝަލްވާ ވިދާޅުވީ، މަހާސިންތާގައި ހަ ލެކްޗަރއަކާއި ތަފާތު މައުލޫތަކަށް 19 މަސައްކަތު ބައްދަލުވުން ކުރިއަށްދާނެ ކަމަށެވެ.

މަހާސިންތާގައި ބައިވެރިވާ ޓީޗަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ގޫގުލްގެ ފަރާތުން ގޫގުލް ސަޓިފައިޑް އެޑިޔުކޭޓަރެއްގެ ގޮތުގައި އިންޑިއާގެ އިންޓަނޭޝަނަލް ސްކޫލެއްގައި މަސައްކަތްކުރައްވާ ފެނީ ޕާސްޕޯޓާއި ލެގޯ ކުންފުނީގައި ޑެންމާކްގައި މަސައްކަތްކުރައްވާ ލެގޯ އެޑިޔުކޭޝަންގެ ދެމާހިރުން ހިމެނެ އެވެ.

ހިރިޔާ ސްކޫލުގައި ކުރިއަށްދާ އިނޮވޭޓިވް އެޑިއުކޭޝަން މަހާސިންތާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މީގެ އިތުރުން، ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ ޕޯސްޓް ޑޮކްޓޯރަލް ރިސާޗް ފެލޯއެއްގެ ގޮތުގައި އުޅުއްވާ ދިވެހި ފިލޯސޮފަރެއްކަމަށްވާ ޑރ. ރާމީ މަޖީދާއި އެޕަލް އެޑިއުކޭޝަންގެ ފުންނާބު އުސް ކަމާބެހޭ ދެމާހިރުން އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފާއި ކިކްސްޓާޓް އަދި 'ސައިންސް އެންމެންނަށް' ގެ ބާނީ ޖާވިޝް ޙަމީދު ބައިވެރިންނަށް މައުލޫމާތު ދެއްވާނެ އެވެ.