އިނގިރޭސި ރާނީގެ ތާޖުކޮޅުގައި ހަރުކޮށްފައި އިންނަ މީގެ އެތަކެއް އަހަރެއް ކުރިން އިންޑިއާ އިން އިނގިރޭސިންނަށް ހަދިޔާކުރި އަގުބޮޑު ޖަވާހިރު "ކޮހިނޫރު" އަލުން އަނބުރާ ބޭނުންވާ ކަމަށް ބުނެ އިންޑިއާ ސަރުކާރުން އެވާހަކަދައްކަން ފަށައިފި އެވެ.

ކޮހިނޫރަކީ އިންޑިއާ ސަރުކާރުން އިނގިރޭސިންނަށް ހަދިޔާކުރި އެއްޗެއްކަމަށް އިންޑިއާ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އިންޑިއާ ސަރުކާރުން އެހެން ބުނެފައި ވަނީ އެ ގައުމުގެ ސުޕުރީމު ކޯޓަށް ކޮހިނޫރު އަނބުރާ ހޯދުމަށްކަމަށް ބުނެ އިންޑިއާގެ "މައުންޓަން އޮފް ލައިޓް"ގެ ނަމުގައި ހަދާފައިވާ ގުރޫޕަކުން ހުށަހަޅާފައިވާ މައްސަލާގައި ކޯޓުގައި ވާހަކަ ދައްކަމުންނެވެ.

އޭގެ ފަހުން އިންޑިއާގެ ސަގާފީ ކަންތައްތަކާއި ބެހޭ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރީތި ގޮތުގައި ކޮހިނޫރު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ މިނިސްޓްރީ އިން ކުރާނެ ކަމަށެވެ.

ކޮހިނޫރު: އިންޑިއާގެ އެއްޗެއް ކަމަށް ބުނެ ކްއީންއާ ދެކޮޅަށް އެގައުމުގެ ގްރޫޕަކުން ވަނީ ކޯޓަށް ގޮސްފައި --

އެބަޔާނުގައި ބުނެފައިވާ ގޮތުން އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް އައިފަހުން ހިނގާ މިދިޔަ ދެ އަހަރުގެ ތެރޭގައި އެގައުމުން ގެއްލިފައިހުރި އެގައުމުގެ ތާރީހާގުޅުން ހުރި ގިނަ ތަކެއްޗެއް ވަނީ އަނބުރާ ހޯދާފަ އެވެ. އޭގެ ތެރޭގައި 10 ވަނަ ގަރުނުގެ ތެރޭގައި ޖަރުމަނުގައި ބަހައްޓާފައި ހުރި ސްޓެޗޫއަކާއި ކެނެޑާގައި 900 އަހަރުވަނަދެން ބަހައްޓާފައި ހުރި "ޕެރޮޓް ލޭޑީ" އާއި އޮސްޓްރޭލިއާގައި ބަހައްޓާފައި ހުރި ސްޓެޗޫއެއް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ކޮހިނޫރު ޖަވާހިރަކީ އިންޑިއާގެ އެއްޗެކެވެ. އޮގަސްޓް 1849 ވަނަ އަހަރު އިންޑިއާގެ ސިކުންގެ ލީޑަރު ޑުލީޕް ސިންގް ރާނީއަށް އެ ޖަވާހިރު ހަދިޔާކުރީކަމަށް އިންޑިއާ ސަރުކާރުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އިންޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް 1997 ވަނަ އަހަރު ރާނީ އެލިޒަބަތު 2، ކުރެއްވި ޒިޔާރަތުގައި އިންޑިއާގެ ގިނަ ފަރާތްތަކަކުން ވަނީ ކޮހިނޫރު އަނބުރާ ދިނުމަށް އެދިފަ އެވެ.

އޭގެ ފަހުން އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން 2013 ފެބުރުއަރީގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ކޮހިނޫރު ދޭން ބުނެ އިންޑިއާ އިން އެދުމަކީ ވެސް ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެެވެ.