21 Apr 2016, 14:02
އެޑިޔުކޭޝަން މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ހިންގާ، ޓޫރިޒަމް ދާއިރާ އަށް 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމަށް ބައިވެރިން ހޯދުމަށް އިއުލާނު ކޮށްފި އެވެ.
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގް އޮތޯރިޓީ (ޓިވެޓް) އިން މިއަދު ނެރުނު އިއުލާނުގައި ބުނާ ގޮތުން، އެ ޕްރޮގުރާމްގައި ފަތުރުވެރިކަމުގެ 26 ދާއިރާއަކުން މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވެ އެވެ.
އޭގެ ތެރޭގައި، ފްރޮންޓް އޮފީހާއި ކޭޝިއަރުން، އިންޖިނިއަރުންނާއި ޓުއާ ގައިޑުން އަދި އައިޓީ ޓެކްނިޝަނުންނާއި މެރިން މެކެއިނިކުން ހިމެނެ އެވެ.
ހަމައެއާ އެކު، އެ ކޯސްތަކަކީ ހިލޭ ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކެއް ކަމަށާއި އެ ކޯސްތަކަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނާ ގޮތުން، އެ ތަމްރީނު ޕްރޮގުރާމްގައި ހިމެނެނީ ލެވެލް ތިނަކާއި ލެވެލް ހަތަރެއްގެ ކޯސްތަކެވެ. ލެވެލް ތިނެއްގެ ކޯސްތަކުގައި ބައިވެރިވެވޭނެ ޝަރުތަކަށް ގްރޭޑު ހަތެއް ކަނޑައަޅާފައިވާ އިރު، ލެވެލް ހަތަރެއްގެ ކޯސްތަކުގައި ބައިވެރިވެވޭނެ ޝަރުތަކަށް ކަނޑައަޅާފައި ވަނީ ސާނަވީ ސުކޫލް އިމްތިހާނަކުން ތިން މާއްދާ އިން ފާސްވެފައިވުން ނުވަތަ އެދާއިރާ އާ ގުޅުން ހުރި ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަ ކޮށްފައިވުމެވެ.
ލެވެލް ތިނެއްގެ ކޯސްތަކުގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އަދި ލެވެލް ހަތަރެއްގެ ކޯސްތަކުގެ މުއްދަތަކީ އަށް މަސް ދުވަހެވެ.
އެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އަަންނަ މޭ މަހު 12 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައިވާ އިރު ކޯސްތަކަށް ކުރިމަތިލުމުގެ ފޯމު އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުންނާއި ޓިވެޓް އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.