އިންސާނުންގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމަށް ގެއްލުންދޭ ބާވަތުގެ ވިހަމާއްދާތަކެއް ކަނޑުމަހުގައި ހުންނަކަމަށް ފަހުގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ދިރާސާކުރި އެމެރިކާގެ "ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ" އިން ބުނީ މަހުގެ ޓީޝޫތަކުގައިވާ ޕޮލިއުޓަންޓް އޮގަނިކް މާއްދާތަކަކީ ގިނައިން މަސްކާ ނަމަ އެކަމުގެ ނޭދެވޭ އަސަރު އިންސާނުންގެ ދިފާއީ ނިޒާމަށްކުރާނެ މާއްދާތަކެކެވެ. މިފަދަ މާއްދާތައް ގިނައީ ޓޫނާއާއި މިޔަރާއި ހިބަރާއި ކަންނައްޔާއި އެނޫން ވެސް މާކަނޑުގައި އުޅޭ ބޮޑެތި މަސްތަކުގައި ކަމަށާއި ފަރުމަހުގެ ގޮތުގައި ބަލާ މަސްތަކާއި ސީފުޑްގެ ގޮތުގައި ބަލާ މަސްތަކުގެ ޓިޝޫތަކުގައި މިމާއްދާތައް ވަރަށްކުޑަކަމަށް މި ދިރާސާ ބުނެ އެވެ.

މިދިރާސާ ޝާއިޢުކޮށްފައިވާ "ސައެންސް އެޑްވާންސެސް" މަޖައްލާ ބުނާ ގޮތުން މިމާއްދާތައް ހަރުލަނީ ކަނޑުމަހުގައިވާ ޕްރޮޓީނެއްކަމަށްވާ ޕީ. ޖީޕީ ގަ އެވެ. މިމާއްދާތައް އެންމެ ގިނައީ ކަނޑުތަކުގައިވާ ކެމިކަލްގެ ވިހަތަކުގެ އަސަރުތައް ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ މަސްތަކުގައި ކަމަށް ވެސް މިދިރާސާ ބުނެ އެވެ. މިދިރާސާ ކުރި ސައެންސްވެރިންގެ ޓީމުން ލަފާދީފައި ވަނީ ކޮންމެދުވަހެއްގެ ކެއުމުގެ ބައެއްކަމުގައި ކަނޑުމަސް ނުހެދުމަށާ ކަނޑުމަސް ކެއުމުގައި ކޮންޓްރޯލެއް ގެންގުޅުމަށެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގެ ބައެއްކަމުގައި ކަނޑުމަސް ހަދާނަމަ މި ވިހަމާއްދާގެ ނޭދެވޭ އަސަރު އިންސާނުންގެ ދިފާއީ ނިޒާމަށްކޮށް ދިފާއީ ނިޒާމު ބަލިކަށިކޮށްލާނެ ކަމަށާއި ގާތުންކިރުދޭ އަންހެނުން ކޮންމެ ދުވަހަކު ކަނޑުމަސްކާނަމަ ބުއްދޭ ދަރިފުޅުގެ ދިފާއީ ނިޒާމު ބަލިކަށި ވުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް މިދިރާސާ ބުނެ އެވެ.

މިދިރާސާ ޝާއިޢުކުރި "ސައެންސް އެޑްވާންސެސް" މަޖައްލާ ލަފާދީފައި ވަނީ ހަފްތާގެ އެކި ދުވަސްތަކަށް ބަހާލައިގެން ކަނޑުމަހާއި ފަރުމަހާއި ސީފުޑްގެ ބާވަތްތައް ކެއުމަށް ލަފާދީފަ އެވެ.

(ސައެންސް އެޑްވާންސެސް)