މިއަދާއި މިރޭވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއިއެކު ބޯކޮށްވާރޭ ވެހޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު ( މެޓް) އޮފީހުން ލަފާކޮށްފި އެވެ.

ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުރުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. އަދި އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ބުނެ އެވެ.

މެޓުން ބުނީ ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

" އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެބާރުމިނުގައި، އެހެން ހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުންޏެވެ.

އެންމެ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.