21 Apr 2016, 13:11
ކްރިމިނަލް ކޯޓާ ހަވާލުވެވަޑައިގެން ހުންނެވި ޢަބުދުލް ބާރީ ޔޫސުފްގެ ފޮޓޯ ނަގައި އޭނާއަށް ބިރުދެއްކި ކަމުގެ ތުހުމަތަށް ބަންދުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަސްހަދު ޢަލީ (އަޑުބަރޭ)ގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނުލިބުމުން ދައުވާ ނުކުރަން ނިންމައިފިއެވެ.
ފުލުހުން މިއަދު އަޑުބަރޭއަށް އަންގާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކުރެވޭވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ އެމައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އަޑުބަރޭ ހައްޔަރުކޮށް އޭނާ ވަނީ 13 ދުވަހު ޖަލުގައި ބާއްވާފައެވެ.
ގާޒީ ބާރީގެ ފޮޓޯއެއް ނަގައި، އޭނާ އަށް އިންޒާރުދިން މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުންނެވެ.
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ ސޮއިކުރައްވައި ފުލުހުންނަށް ފޮނުވި ސިޓީއާ އެކު ފޮޓޯ ނެގި މީހާ ދުއްވި ސައިކަލް ނަންބަރު އަންގައިދޭ ފޮޓޯއެއް ފުލުހުންނަށް ފޮނުވާފައިވެ އެވެ.
"ކަލޭގެ ފޮޓޯއެއް ނަގަން އެބަޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭމެން ހަދާއެއްޗެއް ހަދާށޭ. ތިމަންނަ ކަލޭގެ ފޮޓޯއެއް ނަގާނަމޭ،" ގާޒީ ބާރީއާ ދިމަލަށް އެމީހާ ބުނި ކަމަށް ކްރިމިނަލް ކޯޓުން އޭރު ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ގާޒީ ބާރީ އެދިވަޑައިގެންފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެމީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި ވެސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ، އަޑުބަރޭ، ފޮޓޯ ނެގި މައްސަލައިގައި ހައްޔަރުކުމާ ގުޅިގެން އޭނާއަށް ވަނީ، މިސީ ޒަންގައި މުހިންމު ތިން މެޗެއް ކުޅުމުގެ ފުރުސަތު ގެއްލިފައެވެ.
އެގޮތުން މި ސީޒަންގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު ދެ މެޗަކާއި އަދި މިސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުންވެސް އަޑުބަރޭއަށް ވަނީ ކުޅުމުގެ ފުރުސަތު ގެއްލިފައެވެ.