21 Apr 2016, 13:22
ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސޮއިކުރެވުނު "މެމޮރެންޑެމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އޮން ކޯޕަރޭޝަން އިން ސްޕޯޓް އެންޑް ޔޫތު އެފެއާޒް"ގެ ދަށުން ބާއްވާ މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް މާދަމާ ފެށުމަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިންޑިއާގެ ޒުވާނުންނަށް ރާއްޖޭގެ ޒުވާނުންގެ ހާލަތު ކައިރިން ބަލައިލުމުގެ ފުރުސަތު ހުޅުވާލުމުގެ މަގްސަދުގައި ކުރިއަށްދާ އެ ޕްރޮގްރާމު، މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ބުނީ، އެ ޕްރޮގްރާމް އެކުލަވާލާފައިވަނީ އިންޑިއާގެ ޒުވާނުންނަށް ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތް އެނގިގެންދާނެ ކަހަލަ ގޮތަކަށް ކަމަށާއި އެ ޕްރޮގްރާމްގެ ތެރޭގައި ދެ ގައުމުގެ ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި އެހެނިހެން މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ފޯރަމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ ފޯރަމް ކުރިއަށްދާނީ މިިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އަދި ނެޝަނަލް އެޖެންސީގެ އެހީތެރިކަމާއެކު ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވާހަކަދެއްކެވުމާއި އަދި ހޯޕް ފޯ ވިމެންސްގެ ފަރާތުން ސެޝަންތައް ކުރިއަގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ނިމިގެންދާއިރު އިންޑިއާގެ ޒުވާނުންގެ ހާލަތު ރަނގަޅަށް އެނގި، ދެ ގައުމުގެ ޒުވާނުން ގުޅިގެން ކުރެވޭނެ ކަންތައްތަކާމެދު މަޝްވަރާކުރެވި ނަތީޖާއެއްގެ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެންދާނެ އެވެ.
ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން އަންނަ މަހުގެ 10 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 50 ޒުވާނުން އިންޑިއާއަށް ފޮނުވުމަށް ވެސް ހަމަޖެހިފައިވެ އެވެ.