21 Apr 2016, 11:50
މިދިޔަ ފެބްރުއަރީ އަށް ވަނަ ދުވަހު މިދިލި ގަހަކުން ވެއްޓި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދިޔަ ގއ.ވިލިނގިލީ ކިނބިމާގޭ ޝިމާޒް ރަފީގު 34، މަރުވެއްޖެ އެވެ.
ޝިމާޒްގެ އާއިލާއިން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، ޝިމާޒް މަރުވެފައިވަނީ ރޭގެ ދަންވަރު 01:10 ކަންހާއިރު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ފ. ނިލަނދޫ މީހަކާ އިނދެގެން އުޅުނު ޝިމާޒް މިދިލި ގަހަކުން ވެއްޓި ލިބުނު ޒަހަމްތަކަށް ފުރަތަމަ ފަރުވާ ހޯދާފައި ވަނީ އައިޖީއެމްއެޗް ގަ އެވެ. އެއަށް ފަހު ފެބްރުއަރީ 12 ވަނަ ދުވަހު އިންޑިއާ އަށް ގެންގޮސް، ޗެންނާއީ ހޮސްޕިޓަލެއްގައި ކަރުގެ އޮޕަރޭޝަނެއް ކުރިއެވެ. އަދި ވެންޓިލޭޓަރެއްގެ އެހީގައި ދެ މަހާއި 13 ދުވަސް ހޭދަ ކުރިއެވެ.
އެހާ ދިގު މުއްދަތަކަށް ވެންޓިލޭޓަރުގެ އެހީގައި އޮންނަން ޖެހުމުން ޝިމާޒްގެ ފުއްޕާމޭގައި އިންފެކްޝަން އުފެދި ހާލު ސީރިއަސް ވުމުގެ ސަބަބުން އަނބުރާ މާލެ ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ޝިމާޒްގެ އާއިލާއިން ބުނީ، އޭނާ ގަހަކުން ވެއްޓުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކަރަށް ބޮޑެތި ގެއްލުންތަކެއްވެ، މައި ބަދަ ބިންދައިގެން ގޮސްފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.
ޝިމާޒްގެ ކަށުކަމާކެމީގެ ކަންތައްތައް މިހާރު ނިމިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.