21 Apr 2016, 11:29
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފައިސާ ދޫކޮށްފައިނުވަނީ އެ ކްލަބާ ދެކޮޅަށް އެފްއޭއެމްއަށް ހުށައަޅާފައިވާ ޝަކުވާތަކަކާ ގުޅިގެން، އެ މައްސަލަތައް ބަލަމުންދާތީ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
އެފްއޭއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުގައި، އެ އެސޯސިއޭޝަނުން ނިއު ރޭޑިއަންޓަށް ދޭންޖެހޭ ފައިސާ އެ ކްލަބަށް ނުދީ ވާކަމަށް އެކިއެކި ގޮތްގޮތަށް ނޫސްތަކާއި ޝޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ހާމަކުރުމަކީ އެ އެސޯސިއޭޝަނުގެ ޒިންމާއެކެވެ.
އެފްއޭއެމްއިން ބުނީ، 2015 ވަނަ އަހަރުގެ ލީގު އިނާމު ފައިސާ ނިއު ރޭޑިއަންޓަށް މިވަގުތު ނުދެވި ވަނީ އެކްލަބާއެކު ދެ ކުޅުންތެރިޔަކު ވެވިފައިވާ އެގްރިމަންޓްގައިވާ ގޮތަށް އެ ކުޅުންތެރިންނަށް މުސާރަދީފައި ނުވާކަމަށް ބުނެ އެ އެސޯސިއޭޝަނަށް މައްސަލަ ހުށަހަޅާފައިވުމާއި، އަމިއްލަ ކުންފުންޏެއްގެ އިތުރުން މާލޭގެ ދެ ހޮޓަލަކުން ވެސް ނިއު ރޭޑިއަންޓުން އިންވޮއިސް ތަކަކަށް ފައިސާ ނުދައްކާކަމަށް ބުނެ އެ އެސޯސިއޭޝަނަށް ޝަކުވާ ހުށަހަޅާފައިވާތީ ކަމަށެވެ.
އެފްއޭއެމްއަށް ހުށަހެޅުނު މައްސަލަތައް އެ އެސޯސިއޭޝަނުން އެކަމާ ބެހޭ ކޮމިޓީން ބަލަމުންދާތީ މައްސަލައިގައި ކޮމިޓީން ވަކިގޮތެއް ނިންމުމުން އެފްއޭއެމްގެ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އެ ފައިސާ ނިއު ރޭޑިއަންޓަށް ދޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.