21 Apr 2016, 13:58
ޕީޕަލްސް މެގަޒިން އިން ހޮވާ ދުނިޔެގެ އެންމެ ރީތި އަންހެނާގެ މަގާމު މި އަހަރު، "ފްރެންޑްސް"ގެ ތަރި، ޖެނީފާ އެނިސްޓަން އަށް ލިބިއްޖެ އެވެ.
ޕީޕަލްސް މެގަޒިން އިން ކޮންމެ އަހަރަކު ހޮވަމުން އަންނަ އެންމެ ރީތި އަންހެނާގެ މަގާމް، ޖެނީފާ އަށް ވަނީ 2004 ވަނަ އަހަރު ވެސް ލިބިފަ އެވެ. އޭރު އޭނާގެ އުމުރަކީ 35 އަހަރެވެ.
ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ "ފްރެންޑްސް" އިން ހޮލީވުޑްގެ މަޝްހޫރުކަން ލިބުނު އުމުރުން 47 އަހަރުގެ ޖެނީފާ ބުނީ، އެ މަގާމް އޭނާ އަށް ލިބުމުން ހައިރާންވި ކަމަށެވެ. އަދި ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ޒުވާނެއްގެ އިހުސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
އެމެރިކާގެ އެކްޓަރު އަދި ޑައިރެކްޓަރު، ޖަސްޓިން ތީރޫ އާ މިދިޔަ އަހަރު ކައިވެނިކުރި ޖެނީފާ އަށް އެންމެ ރީތި އަންހެނާގެ މަގާމް ލިބިފައި މިވަނީ، މިމަހުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ އޭނާގެ އެންމެ ފަހުގެ ފިލްމު، "މަދާސް ޑޭ" އަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި ރީތިކަން އަހަންނަށް ބަދަލުވެއްޖެ. ރީތިކަމަކީ ތިމާގެ ގައިގާހުރި ކޮންމެ ކަމެއްދެކެ ލޯބިވާން ދަސްކުރުން،" ޖެނީފާ ބުނެފައިވެއެވެ.
ޖެނީފާ ބުނިގޮތުގައި، އޭނާގެ ހަށިގަނޑާމެދު ވިސްނަންފެށީ ކެރިއަރުގެ ކުރީކޮޅު އޭނާއަށް ފިލްމެއްގެ ތަންކޮޅެއް ކުޅެން ނުލިބުނީ "ޗަބީ" ވެގެން ކަމަށް އެޖެންޓަކު ބުނުމުން ކަމަށެވެ.
"އަހަރެން ހުރީ، ކީކޭ؟! އަހަރެންގެ ކުރީގެ ޑައިޓް ރަނގަޅެއް ނުވާނެ. މިލްކު ޝޭކާއި ގްރޭވީ އާއެކު ފްރެންޗު ފްރައިސް. ހަށިގަނޑާމެދު ސަމާލުވުމަކީ ކުރެވުނު ރަނގަޅުކަމެއް،" ހެމުންހުރެ ޖެނީފާ ބުނެފައިވެ އެވެ.