21 Apr 2016, 10:50
ހަވީރު ނޫހާއި ހަވީރު އޮންލައިންއަކީ ހަވީރުގެ ތިން ހިއްސާދާރުންގެ 75 ހިއްސާ އޮންނަ ހަވީރުގެ ވިޔަފާރިތަކުގެ މާލުން އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްގެން ތަރައްގީކުރި ޕްރޮޕްޓީއެއް ކަމަށް ތިން ހިއްސާދާރުންގެ ވަކީލު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ހަވީރުގެ މިލްކުވެރިކަމާ މެދު ހައިކޯޓުން މައްސަލަ ނިންމައި ކޮށްފައިވާ ހުކުމާ ގުޅިގެން ހަވީރަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ސާފު ފައިދާގެ ބައި ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.
އެމައްސަލަ ވަކިގޮތަކަށް ނުނިމެނީސް އަދި ހަވީރު ހިންގުން ހަމައަކަށް ނޭޅޭނީސް ޑރ. މުހައްމަދު ޒާހިރު ހުސައިންނާއި ހަވީރާއި ގުޅުން ހުރި މީހަކަށް އެއްވެސް އެހެން މީޑިއާއެއް ރެޖިސްޓްރީކޮށް ނުހިންގޭނެ ކަމަށް ބުނެ ތިން ހިއްސާދާރުންގެ ފަރާތުން ވަނީ ވަގުތީ އަމުރަކަށް އެދިފަ އެވެ. ވަގުތީ އަމުރު ހުށަހަޅުއްވަމުން ތިން ހިއްސާދާރުންގެ ވަކީލު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ހަވީރުގެ ވިޔަފާރިތަކަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުމަކީ ހަވީރު ވިޔާފާރީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ލާޒިމް ކަމެއް ކަމަށެވެ.
ވަޒީފާގެ ބާވަތުން ހަވީރުގެ މުވައްޒަފުންނާއި ހިންގުމާއި ހަވާލުވެ ތިިބި މީހުންނަށް ހަވީރުގެ ގިނަ ސިއްރުތަކެއް އެނގޭނެ ކަމަށާއި އެހެންކަމުން މިހާލަތުގައި އެހެން މީޑިއާއެއް އުފެއްދުމުގެ ފުރުސަތު ހަވީރުގެ މުވައްޒަފުންނަށް ވެސް އަދި ހަވީރު މީޑިއާ ގުރޫޕަށް ދީފި ނަމަވެސް ހަވީރުގެ ހައްގުތައް ގެއްލިގެންދާނެ ކަަމަށް ތިން ހިއްސާދާރުންގެ ވަކީލު ވިދާޅުވި އެވެ.
"މިދެންނެވި ސިއްރުތަކުގެ ތެރޭގައި ހަވީރުގެ ވިޔަފާރި ޕާޓުނަރުންނާއި ސްޕޮންސަރުންނާއި ސަޕްލަޔަރުންނާއި މުހިންމު ކަސްޓަމަރުން ފަދަ އޮންލައިން އެޑިޝަނުގެ ވެބްސައިޓުގެ ސޮފްޓްވެއާ ސިސްޓަމާ ބެހޭ ހުރިހާ މައުލޫމާތުތައް ފަދަ އެތައް ކަމެއް ހިމެނޭ. މީގެ ތެރެއިން ވެބްސައިޓް ފަދަ ބައެއް ޕްރޮޕަޓީތަކަކީ އެ ޕްރޮޕަޓީތަކަކަށް އަޅުގަނޑުގެ މުވައްކިލުންގެ ތިން ބޭފުޅުންގެ ޖުމުލަ 75 އިންސައްތަ ހިއްސާ އޮތް ހަވީރުގެ ވިޔަފާރިތަކުގެ މާލުން އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްގެން ތަރައްގީކުރި ޕްރޮޕަޓީތަކެކެއް،" ތިން ހިއްސާދާރުންގެ ވަކީލު ވިދާޅުވި އެވެ.
ހަވީރު ނޫސް އޭޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ، އިބްރާހީމް ރަޝީދު މޫސާ (ކ)، މުހައްމަދު ނައީމް (މ) އަދި އަބްދުﷲ ފާރޫގު ހަސަން (ވ) -- ސަން ފައިލް ފޮޓޯ
ހަވީރުގެ މުވައްޒަފުން އެހެން ނޫހެއް ހިންގުމަށް ޓީމެއްގެ ގޮތުގައި ބައިވެރިވުމުން ހާވީރުގެ ސިއްރުތައް ހިފެހެއްޓުމަށް ހުރަހަކަށް ވެގެންދާނެ ކަމަށް ވަކީލު ވަނީ ފާހަގަކޮށްފަ އެވެ. އަދި ނޫހެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ ހަބަރު ލިބޭ މަސްދަރުތަކާއި މުވައްޒަފުންނާއި އޮންނަ ގުޅުން ކަމަށާއި އެއީ ހަވީރުގެ ވިޔަފާރީގެ އެއްބައިކަމުން އެ މުވައްޒަފުންނަށް އެހެން ނޫހެެއްގެ ޓީމެއްގެ ގޮތުގައި ބައިވެރިވުމަކީ ހަވީރަށް ލިބިގެންދާނެ އިއާދަނުކުރެވޭ ފަދަ ގެއްލުމަކަށް ވަނީ ކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ.
ހަވީރު މިހާރުން ހިންގާ ހަވީރު މީޑިއާ ގްރޫޕުން ހަވީރު މުވައްޒަފުން ބޭނުންކޮށްގެން އެހެން ނޫހެއް ފަށައިފި ނަމަ އެއީ ހައިކޯޓުން ކުރި ހުކުމުގެ މަގުސަދު ގެއްލި ތިން ހިއްސާދާރުންގެ ހައްގު ނެތިގެންގޮސް ބަނގުރޫޓުވާނެ ކަމެއް ކަމަށް ވަކީލު ވަނީ މިއަދު ކޯޓުގައި ވިދާޅުވެފަ އެވެ.
"ހަވީރު ބަނގުރޫޓުވާން ދޫކޮށްލުމަކީ އާންމު މަސްލަހަތާ ވެސް ހިލާފުވާނޭ ކަމެއް. އެހެނީ ދިވެހި ރާއްޖޭގެ ނޫސްވެރިކަން ތައްރައްގީކޮށް ބިނާ ކުރުމުގައި ހަވީރު އަދާކުރީ މުހިންމު ދައުރެއް،" ތިން ހިއްސާދާރުންގެ ވަކީލު ވިދާޅުވި އެވެ.
ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ޒާހިރު ހުސައިންއަށް އެހެން ނޫހެއް ރެޖިސްޓްރީ ނުކުރެވޭނެ ކަމަށް އަމުރުކުރުކޮށްފި ނަމަ ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދޭ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ހައްގު އޭނާގެ ކިބައިން ނިގުޅައިގަނެވޭނެ ކަމަށެވެ. އަދި މުވައްޒަފުން ކަމަށް ތިން ހިއްސާދާރުންގެ ވަކީލު ވިދާޅުވެފައިވާ އިރު ޒާހިރުގެ ދަށުން އެއްވެސް މުވައްޒަފެއް ނުތިބޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ހަވީރު މީޑިއާ ގުރޫޕުގެ ފަރާތުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ މައްސަލަ ތާވަލުކުރިކަން އެނގުނުތާ 24 ގަޑިއިރު ވެސް ނުވާކަމަށާއި އެހެންކަމުން މައްސަލައަށް ތައްޔާރުވާން އިތުރުވަގުތު ބޭނުންވާ ކަމަށެވެ. ގާޒީ ވަނީ ފެށޭ ހަފްތާގެ ހޯމަ ދުވަހު 14:00 އަށް މައްސަލައަށް ތައްޔާރުވާން ވަގުތުދީފަ އެވެ.
އޭގެ އިތުރުން ހަވީރުގެ އެޑިޓަރާއި ޖާނަލިސްޓެއް އަދި ފޮޓޯ ޖާނަލިސްޓެއްގެ އިތުރުން އިދާރީ މުވައްޒަފަކާ އެކު ވެފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކޯޓަށް ހުށަހެޅުއްވުމަށް ގާޒީ މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.
ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.
ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ޑރ. ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.