ސްޕެނިޝް ލީގްގެ އެންމެ ކުރީގައި އޮތް ތިން ޓީމު ވެސް ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލީގްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ތާވަލުގެ އެންމެ ކުރީގައި އޮތް ބާސެލޯނާއިން 8-0ގެ ނަތީޖާ އަކުން ޑިޕޯޓިވޯ ލަކަރޫނިއާގެ މައްޗަށް ކުރި ހޯދިއިރު އެތުލެޓިކޯ މެޑްރިޑުން ވަނީ 0-1ގެ ނަތީޖާ އަކުން އެތުލެޓިކް ކުލަބް އަތުން މޮޅުވެފައެވެ. ބާސާ އާއި އެތުލެޓިކޯ އަށް 79 ޕޮއިންޓް ލިބޭ އިރު ބާސާ އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ. ތިން ވަނައިގައި ރެއާލް މެޑްރިޑް 78 ޕޮއިންޓާއި އެކު އޮތް އިރު އެ ޓީމް ވަނީ 3-0ގެ ނަތީޖާ އަކުން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައެވެ.

ސްޕެނިޝް ލީގްގައި ރޭ އެތުލެޓިކޯ މެޑްރިޑް އާއި އެތުލެޓިކް ކުލަބް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އެތުލެޓިކް ކުލަބުގެ ދަނޑުގައި ރޭ ކުޅުނު މެޗު އެތުލެޓިކޯ މެޑްރިޑް ކާމިޔާބް ކުރީ ފުރަތަމަ ހާފްގެ ފަހު ވަގުތުގައި އެންތޯނިއާ ގްރިޒްމަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ފެނާންޑޯ ޓޯރޭސް ކާމިޔާބް ކުރި ގޯލުންނެވެ.

ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބެރްނަބިއުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ މެޗުގައި ރެއާލްގެ ފުރަތަމަ ގޯލު 41 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ކަރިމް ބެންޒެމާ އެވެ.

ސްޕެނިޝް ލީގްގައި ރޭ ރެއާލް މެޑްރިޑް އާއި ވިޔަރެއާލް ކުޅުނު މެޗުގައި ރޮނާލްޑޯ ހުއްޓުވުމަށް ވިޔަރެއާލްގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ދެވަނަ ހާފްގައި ރެއާލްގެ ދެވަނަ ގޯލު ލޫކަސް ވަޒްކުއޭޒް 69 ވަނަ މިނެޓްގައި ކާމިޔާބް ކުރީ ބެންޒެމާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އަދި އެ ޓީމްގެ ފަހު ގޯލު ޑެނިލޯގެ އެހީތެރިކަމާއި އެކު ކާމިޔާބް ކޮށްދިނީ ލުކާ މޮޑްރިޗް އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ، ހަތަރު މެޗެވެ.