21 Apr 2016, 10:54
ވެލާ ހިފި ކަމުގެ ތުހުމަތުގައި ލ. އަތޮޅުން ހައްޔަރު ކުރި ތިން މީހަކު 12،500 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ވެލާ ހިފައިގެން ލ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ބޮކަފުށީގައި ތިއްބަ އެވެ.
އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ތިން މީހުން ވެސް ގާނޫނާ ހިލާފަށް ވެލާ ކަހަނބުގެ ބާވަތް ހިފާ ގޯނާކޮށްފައި ވާތީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން 12،500 ރުފިޔާ އިން ޖޫރުމަނާ ކުރާ ކަމަށެވެ.
އަދި 30 ދުވަހުގެ ތެރޭގައި ޖޫރުމަނާ ފައިސާ އީޕީއޭ ދެއްކުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހަމައެއާ އެކު، ދިވެހިރައްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތައް ހިފާ ގެންގުޅޭ އަދި އެއަށް ގޯނާ ކުރުމާއި އޭގެ މާހައުލަށް ގެއްލުން ދިނުމުގެ އަމަލުތައް ނުކުރުމަށް ތަކުރަރުކޮށް އަންގާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ވަނީ ދާއިމީ ގޮތެއްގައި ހިމާޔަތްކޮށްފަ އެވެ.
މިހާތަނަށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައި ވަނީ ފަސް ވައްތަރެއްގެ ވެލާ ކަހަނބެވެ. އެއީ،
ވެލާ
- ކަހަނބު
- ވާވޮށި ވެލާ
- ބޯބޮޑު ވެލާ
- މުސިންބި
ވެލާ ކަހަނބު ހިމާޔަތްކުރުމާ ގުޅިގެން ކުރުން މަނާ ކަންތައް
ވެލާ ކަހަނބުގެ ބާވަތްތައް ހިފުން
- ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާ ކުރުން
- ވެލާ ކަހަނބު ގެންގުޅުން
- ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން
- ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން
- ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން