21 Apr 2016, 13:15
ކޮކާކޯލާގެ ނަމުގައި މީހުންނަށް ގުޅައި ބޭންކް އެކައުންޓްތަކާއި ކޭޝްކާޑުގެ މައުލޫމާތު ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް އެކުންފުނިން އިލްތިމާސްކޮށްފި އެވެ.
ކޮކާކޯލާ ކުންފުނީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެކުންފުނީގެ 25 އަހަރުގެ ޕުރޮމޯޝަންގެ ނަމުގައި ބައެއް ނަމްބަރުތަކަށް މެސެޖުކޮށް އެ ނަމްބަރުތަކަށް ގުޅައި ބޭންކް އެކައުންޓްތަކާއި ކޭޝްކާޑުގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.
"ގުޅައި މިބުނަނީ އޭޓީއެމް އަށް ގޮސް ސުލިޕް ނަގާށޭ، ނުވަތަ ކާޑުގެ ޕިން ނަމްބަރު ބުނާށޭ، ދެން ބައެއް ފަރާތްތަކަށް މިވާގޮތް އެނގިގެން ނުދޭން އުޅުނީމަ މިބުނަނީ އެހެންވިއްޔާ އިނާމެއް ނުލިބޭނޭ." އޮފިޝަލް ވިދާޅުވި އެވެ.
އެކުންފުނިން ބުނީ ކޮކާކޯލާ އިން ހިންގާ ޕްރޮމޯޝަންތަކަކީ ދުރާލާ ރޭވިގެން އިއުލާންކޮށްގެން ހިންގާ ޕްރޮމޯޝަންތަކެއް ކަމަށެވެ.
ކޮކާލާގެ އިތުރުން އެހެން ބައެއް ކުންފުނިނަމުގަ ވެސް ގުޅާ ރީލޯޑްކޮށްދިނުމުން ބޮޑެތި އިނާމުތައް ލިބޭނެ ކަމަށް ބުނެ ދަނީ ފޯން ކޯލް ކުރަމުންނެވެ. މި މައްސަލަ ހައްލުކުރުމަށް ޓަކައި ފުލުހުން މަސައްކަތްކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.