ސްޕެނިޝް ލީގްގައި ރޭ ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއި އެކު ބާސެލޯނާއިން ކާމިޔާބް ކުރި ހަތް ގޯލާއި އެކު ޖުމުލަ 8-0 ލަނޑުގެ ބޮޑު ތަފާތަކުން ޑިޕޯޓިވޯ ލަކަރޫނިއާގެ މައްޗަށް ބާސާއިން ކުރި ހޯދައިފިއެވެ.

ރޭގެ އެ މޮޅާ އެކު ބާސާއިން ވަނީ ލީގް ތާވަލުގެ އެއްވަނަ ދިފާއު ކޮށްފައެވެ. ނަމަވެސް ބާސާ އާއި ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް 79 ޕޮއިންޓް ލިބޭ އިރު ބާސާ އަށް އެއް ވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ. އެ ދެ ޓީމަށް ވުރެ އެއް ޕޮއިންޓް މަދުން ލިބި ތިން ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

ޑިޕޯޓިވޯގެ ދަނޑުގައި ކުޅުނު އެ މެޗުގައި ބާސާގެ އަށް ގޯލުގެ ތެރެއިން ހަތަރު ގޯލު ސުއަރޭޒް ކާމިޔާބް ކުރިއިރު އޭނާ ވަނީ ތިން ގޯލު ކާމިޔާބް ކުރުމަށް މަގުފަހި ކޮށްދީފައެވެ. އަދި އަނެއް ގޯލު ކާމިޔާބް ކުރީ މާކް ބާޓްރާއެވެ.

ލީގްގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ބާސާ އިން ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު އެ ޓީމުން ވަނީ ޑިޕޯޓިވޯގެ ގޯލާއި އަމާޒް ކޮށް ގިނަ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

ސްޕެނިޝް ލީގްގަައި ރޭ ޑިޕޯޓިވޯ އާއި ބާސާ ކުޅުނު މެޗުގައި މެސީ އަތުން ބޯޅަ ހޯދުމަށް ޑިޕޯޓިވޯގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ރޭގެ މެޗުގައި ބާސާއަށް ޑިޕޯޓިވޯގެ ގޯލު ހުޅުވާލަ ދިނީ މެޗުގެ 11 ވަނަ މިނެޓްގައި ސުއަރޭޒް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާގެ ދެވަނަ ގޯލު ވެސް ކާމިޔާބް ކޮށްދިނީ ސުއަރޭޒް އެވެ.

ދެވަނަ ހާފް ފެށިގެން ބާސާގެ އިވާން ރަކިޓިޗް އެ ޓީމަށް ގޯލެއް ކާމިޔާބް ކޮށްދިން އިރު މެޗުގެ 53 ވަނަ މިނެޓްގައި ސުއަރޭޒް ވަނީ ގޯލެއް ކާމިޔާބް ކޮށް އޭނާގެ ހެޓްރިކް ފުރުހަމަ ކޮށްފައެވެ. އަދި އޭގެ 11 މިނެޓް ފަހުން ސުއަރޭޒް ވަނީ އެ މެޗުގައި އޭނާ ކާމިޔާބް ކުރި ހަތަރު ވަނަ ގޯލު ވެސް ކާމިޔާބް ކޮށްފައެވެ.

ބާސާގެ ހަވަނަ ގޯލް ސުއަރޭޒްގެ އެހީތެރިކަމާއި އެކު މެޗުގެ 73 ވަނަ މިނެޓްގައި ލިއޮނަލް މެސީ ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތްވަނަ ގޯލް ކާމިޔާބުކޮށްދިނީ މާކް ބާޓްރާއެވެ.

ސްޕެނިޝް ލީގްގަައި ރޭ ޑިޕޯޓިވޯ އާއި ބާސާ ކުޅުނު މެޗުގައި ނޭމާ ބޯޅަ ފޮނުވާލާއިރު ޑިޕޯޓިވޯގެ ކުޅުންތެރިއަކު ކައިރީގައި --- ފޮޓޯ: އޭޕީ

ބާސާގެ ފަހު ގޯލް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނޭމާއެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ އެ މީހުންނަކީ މެޝިން ތަކެއް ނޫން ކަމަށާއި ދަށްކޮށް ކުޅެވޭ މެޗުތަށް ވެސް އަންނާނެ ކަމަށެވެ.

"އެ މެޗުން ފެނިގެންދިޔައީ ބާސާއިން ލީގް ކާމިޔާބް ކުރުމަށް ކެތް މަދުވެފައިވާ ތަން. ދެ މެޗެއްގައި ތަންކޮޅެއް ދަށްކޮށް ފެނުނު ނަމަވެސް ބާސާގެ އަސްލު ކުޅުން ފެނިގެން އެ ދިޔައީ،" ސުއަރޭޒް ބުންޏެވެ.