21 Apr 2016, 09:17
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކްލަބު އީގަލްސް އަތުން ބަލިވި ނަމަވެސް، އެއީ އަދި ފެށުމެއް ކަަމަށާއި ނިމުމެއް ނޫން ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސް އަތުން ޓީސީ ބަލިވެފައިވަނީ 2-1 ލަނޑުންނެވެ. މިދިޔަ ސީޒަނުގައި އަލަށް ޕްރޮމޯޓްވި ޓީސީ، ލީގު ނިންމާލީ ދެވަނައިގައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓީސީގެ ކޯޗު ނިޒާމްބެ ބުނީ، ރޭގެ މެޗުގައި އެންމެ ހިތްހަމަޖެހޭ ވަރަށް ޓީސީގެ ކުޅުންތެރިންނަށް ނުކުޅެވުނު ކަމަށާއި މެޗުން ބަލިވުމުން ވިސްނަން ޖެހޭ ކަންތައްތައް އިތުރުވެފައިވާ ކަމަށެވެ.
"ޓީމު އޮތީ މިސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. މިއީ އަދި ފެށުމެއް. މިއީ ނިމުމެއް ނޫން. މި ފެށުމަކީ ފަހަރެއްގައި ވެދާނެ ވަަރަށް ރަނގަޅު ފާލަކަށް. އެއީ މިދިޔަ އަހަރު ފުރަތަމަ މެޗުން މޮޅުވެގެން ދެވަނައިގައި ނިންމާލީ. މިއަހަރު ފުރަތަމަ މެޗުން ބަލިވެގެން އެއްވަނައިގައި ނިންމާލުމުގެ ފުރުސަތު ބޮޑު ވެދާނެ. ބައިވަރު ކަންތައްތަކެއް އެބަހުރި. އެ ކަންތައްތަކާއެކު ނަތީޖާ މިހެން ދިޔައީމަ ކުރިއަށްހުރި މެޗުތަކުގައި ވިސްނަން ޖެހޭވަރު ބޮޑުވެގެން މިދިޔައީ. ކުރަންޖެހޭ މަސައްކަތް ވެސް އިތުރުކުރަން އެނގިގެން މިދިޔައީ،" އޭނާ ބުންޏެވެ.
ނިޒާމްބެ ބުނީ، ސީޒަނަށް ނުކުތްއިރު ޓީސީގެ ޓާގެޓަކީ ގަދަ ހަތަރެއްގައި ނިންމާލުން ކަމަށާއި އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން ޓީސީ ޓީމު ގޮވައިގެން ނުކުންނަ ކޮންމެ މުބާރާތެއް ވެސް ކާމިޔާބުކުރަން ބޭނުންވާ ކަމަށެވެ. އަދި ލީގު ނިންމާލާނީ ލީގުގެ އައްޑަނަ އުފުލާލައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"ކުޅުންތެރިން ވަރަށް މަސައްކަތްކުރި، ކުޅުންތެރިން ގަބޫލު ވެސް ކުރި، މިސީޒަނުގައި އެއް ޓީމަކާ އެއްކޮށްވެސް މެޗު ފަސޭހައެއް ނުވާނެކަން ކުޅުންތެރިންނަށް ވިސްނަވެސް ދިނިން. މިދިޔަ ސީޒަނުގައި ހޯދި ނަތީޖާތަކަކީ މިސީޒަނުގައި ޕްރެޝަރަކަށް ވެގެންދާނެ ކަމަށް ވެސް ވިސްނަދިނިން. މެޗުގައި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތައް ފެނިގެންދިޔަ،" ޓީސީގެ ކޯޗު ބުންޏެވެ.
ލީގުގައި ޓީސީއިން ދެން މެޗެއް ކުޅެން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ލީގުގައި އެ ދުވަހުގެ ރޭ ޓީސީ ނުކުންނަން ޖެހޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.