މިސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ތިން ބުރު ކުޅެން އޮތުމުން ގިނަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބުނެފި އެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކްލަބު އީގަލްސްއިން 2-1 ލަނޑުން ކުރި ހޯދައި، އެޓީމުން ވަނީ ލީގުގެ ފެށުން ރަނގަޅުކޮށްފަ އެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ، ކުރިއަށްހުރި މެޗުތަކުގައި ބައިވަރު ކަންތައްތަކެއް ދިމާވެދާނެ ކަމަށާއި ޖެހިގެން އަންނަ މެޗުން އީގަލްސް ބަލިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ބައިވަރު ކަންތައްތަކެއް ދިމާވާނެ ލީގެއް ވީމަ. އަޅުގަނޑު ޝުކުރު އަދާކުރަން އެފްއޭއެމްއަށް މިފަހަރު ތިން ބުރު ކުޅެން ހަމަޖެހުނީމަ. ތިން ބުރު ދާއިރުގައި ބައިވަރު ކަންތައްތައް، ސަސްޕެންޝަން، އިންޖަރީ، ކުޅުންތެރިންގެ ފޯމު ގެއްލި، ބައެއް ކުޅުންތެރިންގެ ފޯމު އައުމާ، މިކަހަލަ ބައިވަރު ކަންތައްތަކެއްވާނެ. އެހެންވީމަ ކުރިއަށްއޮތްތާގައި އަޅުގަނޑުމެން ޖެހޭނީ ފަހަރަކު މެޗަކަށް ކޮންސަންޓްރޭޓް ކޮށްގެން ތައްޔާރުވާން. ދެން އަޅުގަނޑުމެންގެ ފޯކަސް ހުންނާނީ ވެލެންސިއާ މެޗަށް،" އޭނާ ބުންޏެވެ.

ސާންތި ބުނީ، ރޭގެ މެޗުގައި ޓީސީ އަތުން ލިބުނީ މުހިންމު ތިން ޕޮއިންޓް ކަމަށާއި މެޗުގައި ދެ ޓީމަށް ވެސް ހަމަހަމަ ފުރުސަތެއް އޮތް ކަމަށެވެ. އަދި ޓީސީއަށް ފުރުސަތުތަކެއް ލިބި ބޭނުން ނުހިފުނުއިރު، މެޗުން އީގަލްސް މޮޅުވީ އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުމުން ކަަމަށް ވެސް އޭނާ ބުންޏެވެ.

ލީގުގައި ދެން އީގަލްސްއިން މެޗެއް ކުޅެން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ލީގުގައި އެ ދުވަހުގެ ރޭ އީގަލްސް ނުކުންނަން ޖެހޭނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ.