މިއަދުގެ ހުކުރަށް ފަހު ޖުމްހޫރީ މައިދާނުން ފެށި މުޒާހަރާގައި ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ވަގުތު މައިދާނުން އެންމެން ފަސްސާލުމުން މާލޭގެ ދެ ސަރަހައްދަކަށް އެއްވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށްފަހު، މިރޭ މުޒާހަރާ އަލުން ޖައްސާނެ ކަމަށް އިއުލާންކޮށް ހުކުރު މުޒާހަރާ ނިންމާލައިފި އެވެ.

ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ޒުވާނުން އިސް ނަގައިގެން ކުރާ ސިލްސިލާ މުޒާހަރާތަކުގެ ހަވަނަ މުޒާހަރާ ސިޔާސީ ފަރާތްތަކުން އިސްވެތިބެ އެއްވުން މިއަދު ފެށީ ހުކުރު ނަމާދައްފަހު ޖުމްހޫރީ މައިދާނުންނެވެ.

ޑީއާރްޕީގެ ނައިބު ލީޑަރުގެ މަގާމުން ވަކިކޮށްފައިވާ އުމަރު ނަސީރާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ އަހުމަދު މަހުލޫފާއި އިލްހާމް އަހުމަދާއި އަލީ އާރިފުގެ އިތުރުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕާޓީތަކުގެ މަޖިލީސް މެންބަރުނާއި ޕާޓީތަކުގެ އިސް ފަރާތްތައް ވެސް މުޒާހަރާގައި ބައިވެރިވެ ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ޖުމްހޫރީ މައިދާނުގައި އަޑު އުފުލާފައިވެ އެވެ.

މެންދުރު ފަހު 1:30 އެހާކަން ހާއިރު ޖުމްހޫރީ މައިދާނުގައި ތިބި މީހުނާއެކު އުމަރު ނަސީރު ޖުމްހޫރީ މައިދާނުގައިވާ ބޮޑު ދިދައިގެ ބުޑަށް އެރުމާއެކު، މުޒާހަރާގެ ބައިވެރިން އުތުރި އެރި އެވެ. އެވަގުތު ރަޔަޓް ގިނަރުގައި ތިބި ފުލުހުން ވަނީ ތިން ފަހަރު މަތިން އިންޒާރު ދިނުމަށްފަހު މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސައިފަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ދިދައިގެ ބުޑު ހިމެނޭ ސަރަހައްދުން ފައްސާލައި ޖުމްހޫރީ މައިދާނުގެ މެދާ ހަމައަށް ފޮނުވާލުމާއެކު މުޒާހަރާ ހޫނުވެ، ފުލުހުންނާ އާމުންނާދެމެދު ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގާފަ އެވެ.

މިހަމަނުޖެހުންތަކުގައި ފުލުހުން މުގުރު ބުރި ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދިންތަން ސަންގެ ނޫސްވެރިންނަށް ފެނިގެންދިޔަ އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި މުޒާހަރާގެ ލީޑަރު އުމަރު ނަސީރުގެ ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހެދުމުން ހައްޔަރުކުރީ ގަމީހުގައި ހިފައި ފަހަތައް ބިޑި އަޅުވައިގެނެވެ. ހަމަނުޖެހުން ތަކުގެ ތެރޭގައި މެންބަރު އަހުމަދު މަހުލޫފު ވެސް ހައްޔަރު ކުރީ ވެސް އެ ދަނޑިވަޅު އެވެ. ރަޔަޓް ގިޔަރުގައި ބިތި ފުލުހުން މަހުލޫފް ހައްޔަރުކުރީ ދެ އަތުގައި ހިފައި ޖުމްހޫރީ މައިދާނުގެ ވިނަތަކުގެ މަތިން ދަމާފައި ގެންގޮހެވެ. އޭގެ ގިނަ އިރުތަކެއް ނުވެ ދެން ފެނުނީ މެންބަރު އަލީ އާރިފް ވެސް ހައްޔަރު ކުރިތަނެވެ. އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެކި ވަރުގެ އަނިޔާތައް އޭނާއަށް ލިބޭނެ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އަދި އެތަނުގައި އެވަގުތު ތިބި ސަންގެ ނޫސްވެރިން ވަނީ އެ މަންޒަރުގެ ފޮޓޯތައް ނަގައިފަ އެވެ.

މުޒާހަރާ ލީޑްކުރި އިދިކޮޅު ސިޔާސީ ފަރާތްތަކާއި މުޒާހަރާގެ ބައިވެރިން، ފުލުހުން ހައްޔަރު ކުރިއިރު މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިންނާއި ކެމަރާމަނުންނަށް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ. އަދި އެހަމަނުޖެހުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އެކިވަރުގެ އަނިޔާވެސް ލިބުނެވެ. ބައެއް ނޫސްވެރިން ފުލުހުންގެ ސަފުން ތެރެއިން ނުކުނަނިކޮށް މުގުރު ބުރި ކޮއްޕާ، ބިންމައްޗަށް ވައްޓާލި މަންޒަރު ވެސް ފެނުނެވެ. އެކަމާ ގުޅިގެން ބައެއް ނޫސްވެރިންނާއި ފުލުހުންގެ މީޑިއާ އޮފިޝަލާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވެސް މުޒާހަރާގެ ތެރޭގައި ހިނގި އެވެ. ނަމަވެސް ފުލުހުންގެ އަމަލް ކުރަމުން ގެންދިޔައީ ހަމަނުޖެހުން ހިނގި ވަގުތު އެ ސަރަހައްދުގައ ތިބި ނޫސްވެރިން ވެސް ބޭރުކޮށްލުމަށެވެ. މުޒާހަރާގެ ތެރެއިން ނޫސްވެރިން ބޭރު ކުރަން އުޅުމުގެ ތެރޭގައި އަނިޔާވީ ސަންގެ ފޮޓޯގްރާފަރު އަލީ ނަސީރާއި ހަވީރުގެ ނޫސްވެރިޔާ، އަލީ ޔޫސުފާއި ވީޓީވީގެ ޖާނަލިސްޓް އަހުމަދު ޖަދުވާނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ އެ ސަރަހައްދުން ނޫސްވެރިން ދުރަށްލީ އެތަނަކީ އެއްވެ އުޅުން މަނާ ސަރަހައްދަކަށް ވުމާއެކު މީޑިއާގެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ.

ޖުމްހޫރީ މައިދާނުން މުޒާހަރާގެ ބައިވެރިން ފައްސާލުމުން ދެން މީހުން ޖަމާވީ ސެންޓްރަލް ބޭންކް، އެމްއެމްއޭ ސަރަހައްދާއި ޗާންދަނީ މަގަށެވެ. ބައެއް މީހުން މުލިއާގެ ސަރަހައްދަށާއި މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ޖަންކްޝަން )އެ ސަރަހައްދަށް ޖަންކްޝަން ކަންމަތި ކިތަނީ 90 އަހަރުތަކުގައި ޖަންކްޝަން ސްޓޯރު ކިޔާ ވަރަށް މަޝްހޫރު ފިހާރައެއް ހުންނާތީ( ކަންމައްޗަށް ވެސް އެއްވެ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލި އެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ތެރޭގައި މުޅި މުޒާހަރާގެ މިސްރާބު އާޓްފިޝަލް ބީޗަށް ބަދަލުކޮށް އެންމެ އެ ސަރަހައްދަށް އެންމެ ޖަމާވުމުން ޑީއާރްޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު މުޒާހަރާ ނިންމާލިކަން ރަސްމީކޮށް އިއުލާން ކުރީމިރޭ އާ ފެށުމަކުން މުޒާހަރާތައް ފަށާނެ ކަމަށް އެންގުމަށް ފަހު އެވެ.



---


މުޒާހަރާ ނިންމާލީ ކަމަށް ކަމަށް އިއުލާން ކޮށްފި. މުޒާހަރާ އަލުން ފަށާނީ މިރޭ 8:40 ގައި ކަމަށް ވެސް އިއުލާން ކުރި

14:19 މުޒާހަރާގެ ބައިވެެރިން އާޓިފިޝަލް ބީޗަށް ޖަމާވެއްޖެ. ޖަންކްޝަން ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިއެބަވޭ

14:19 މުޒާހަރާގައި ބައިވެރިވާ ޒުވާނުން، މުޒާހަރާ ހުއްޓާލާކަށް ބޭނުމެއް ނުވޭ. މުޒާހަރާގެ އެއްލީޑަރު އިލްހާމް ވިދާޅުވަނީ މުޒާހަރާ ހުއްޓައިނުލާ ކުރިޔަށްދާނެ ކަމަށް.

"އަޅުގަނޑުމެންނަށް އަނިޔާ ކުރަމުންދަނީ ވަރަށް ރަހުމް ކުޑަ ގޮތަކަށް، އަޅުގަނޑުމެން ހުއްޓައެއް ނުލައި،" އިލްހާމް ވިދާޅުވި

http://sun.mv/albums/l_881.jpg

14:04 ޖަންކްޝަން ސަރަހައްދުގައި ގަދަ ފޯރީގައި މުޒާހަރާ ކުރަނީ. މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗަށް މިސްރާބު ޖަހައިފި

14:04 ސަންގެ ފޮޓޯގްރާފަރު އަލީ ނަސީރަށް ވަނީ ދެންމެ ހަމަލާދީފައި، އަނިޔާ ސީރިއަސް އެއްނޫން . ނޫސްވެރިންނަކަށް އެއްވެސް ހިމާޔާތެއް ނުދޭ. މުޒާހަރާ ސަރަހައްދުތަކަށް މީހުން ދަނީ ހައްތާ ގިނަވަމުން. އެމްޑީޕީގެ މުޒާހަރާގެ ހަބަރެއް ނުވޭ. ބައިނަލް އަގުވާމީ ނޫސްވެރިންނަކަށް އެއްވެސް ހުރަހެއް ނާޅާ. އެކަމަކު އެންމެ ކުރީކޮޅުގައި އެމީހުންނަށް ވެސް ހުރަސް އެޅި . އަލްޖަޒީރާއާއެކު ލަންކާ އާއި އިންޑިޔާގެ ނޫސްވެރިންވެސް ހަރަކާތްތެރިވަމުން އެބަދޭ

14:03 ބައެއް މީހުން މުލީއާގެ ކައިރީގައި ވެސް ހަރަކާތްތެރިވަމުންދޭ

14:02 ސިފައިންގޭ ކުރިމައްޗަށް ސިފައިންގެ ފައުޖުތައް ވެސް ޖަމާވެއްޖެ

14:01 ބައެއް މީހުން ޖަންކްޝަން ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަން ފަށައިފި

1:41 މާވަށު ދާއިރާގެ މެންބަރު އަޒީޒް ޖަމާލުވެސް ހައްޔަރުކޮށްފި. ފުލުހުންގެ ސަފުތައް ވަރުގަދަކޮށް މުޅި ސަރަހައްދު ވަށައި އެތުރެމުން އެބަދޭ

1:41 މުގުރު ބުރިން ޖަހައި ވީޓީވީ އާއި ހަވީރުގެ ނޫސްވެެރިއަކަށް އަނިޔާކޮށްފި. އެދެ މީހުން ތިބީ ބިންމައްޗަށް ވެއްޓިފައި . އޭހެ ތެރޭގައި ހިމެނޭ ހަވީރުގެ ނޫސްވެރިޔާ ދެންމެ ހައްޔަރުވެސް ކުރި. މިހާރު ދޫކޮށްލައިފި

1:41 މިސްކިަތަށް މިއަދު ދިޔަ އެންމެން ކަހަލަ ގޮތަށް ވަނީ މުޒާހަރާއަށް އެއްވެފައި. މިއަދު ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން އެބަދޭ. ވީޑިއޯ ނުނެގުމަށް އަންގަމުންދާއިރު މިވަގުތު ވެސް މީހުން ހައްޔަރު ކުރަމުން އެބަދޭ. ފުލުހުންގެ އިންޒާރުތައް މެދު ކެނޑިގެން ނުދޭ. ފުލުހުންގެ މަސައްކަތް ކުރަނީ މުޒާހަރާ ވަރުގަދަ ވިޔަ ނުދީ މީހުން ފައްސާލުމަށް

1:37 ޖުމްހޫރީ މައިދާންތެރޭގައި މިވަގުތު އެހާ މީހުން ގިނައެއް ނޫން. އެކަމަކު ވަށައިގެންވާ އެކި ދިމާލުގައި މީހުން ވަނީ ފުރިބާރުވެފައި. މީހުން ދަނީ ހައްތާ ގިނަވަމުން. ފުލުހުންނާ އާންމުންނާދެމެދު ހަމަނުޖެހުންތައް އެބަހިނގާ

1:33 އުމަރު ނަސީރު ބިޑިއަޅުވައި ހައްޔަރު ކުރީ ގަމީސްވެސް އިރާލުމަށްފަހު. ގިނަ މީހުން ގެންދިޔައީ ބިންމަތިން ދަމާފައި

1:31 ފުލުހުންނާ އާންމުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ މިހާރު ވަރަށް ގިނަ ބަޔަކު ހައްޔަރުކޮށްފި. އުމަރު ނަސީރާއި އަލީ އާރިފާއި މަހުލޫފުވެސް ހައްޔަރުކޮށްފި

http://sun.mv/albums/l_875.jpg

1:24 ފުލުހުން ދިދަ ދަނޑީގެ ކުރިމައްޗަށް އައިސް ދިދަދަނޑީގެ ބުޑު މައްޗަށް އެރި މީހުން ބާލުވާފައި. ކެނޑިނޭޅި އިންޒާރު ދެމުން އެބަދޭ

1:22 ފުލުހުން ދަނީ އިންޒާރު ދަނީ. ވަގުތު އެސަރަހައްދު ދޫކޮށްލުމަށް

http://sun.mv/albums/l_872.jpg


1:22 ވަރަށް ގިނަ އަދަދެއްގެ މީހުން ޖަމާވެއްޖެ. ލީޑަރު އުމަރު ނަސީރާއި އިސްވެރިން މިވަގުތު ތިބީ ބޮޑު ދިދައިގެ ބޮޑު މައްޗަށް އަރާ

http://sun.mv/albums/l_870.jpg

1:18 ޖުމްހޫރީ މައިދާނަށް މީހުން އަންނަނީ ގިނަވަމުން. އެތަނުގައި މަޑުކޮށްލައިގެން ތިބިގެން ނިންމާފައި ވީނަމަވެސް މިވަގުތު ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެބަދޭ. ފުލުހުންގެ ސަފުތައްް އޮތީ ބޮޑު ދިދައާ ދިމާލުގައި . މުޒަހަރާ ރޫޅައިލުމަށް ސިފައިންގެ 1000 ވުރެ ގިނަ ސިފައިން ތައްޔާރީ ހާލަތުގައި އޮތް ކަމަށް ބުނޭ. މުޅިން ޔަގީނެއް ނުވޭ

1:13 އާދަވެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ވެސް ޖަމާވާން ފަށާއިފި. މާޒް ސަލީމްގެގެ ލީޑަރު ކަމުގެ ދަށުގައި މައިދާނުގެ ހެލިޕޭޑް މަތީގައި އެންމެން އިށީނދެއްޖެ. ރަޔަޓް ފުލުހުން ވެސް އެދިމާއަށް ހިނގައިގެންފި

1:19 ޖުމްހޫރީ މައިދާނަށް އެއްވަން ފަށާއިފި މައިދާނުގެ މެދުގައި އެއްބަޔަކު އިށީންދެވެސް އެބަތިބި. މައިދާނުގެ މެދުގައި ތިބގެން ހިސާބަކަށް އަޑު އުފުލަން ފަށާއިފި

http://sun.mv/albums/l_869.jpg

1:06 އިސްލާމީ މަރުކަޒުގައި ހުކުރުކޮށް ނިމިއްޖެ

1:03 ޖުމްހޫރީ މައިދާނުގައި ތިބި ރަޔަޓް ފުލުހުން އެމީހުންގެ މާސްކްތައް އަޅައި ތައްޔާރީ ހާލަތަކަށް އަތުވެއްޖެ

12:58 އމަރު ނަސީރާއި މަހުލޫފާއި މާސް ސަލީމާއި އެނޫނަސް ސިލްސިލާ މުޒަހާރަތަކުގައި އުޅޭ އެންމެ މުސައްލަ ހިފައިގެން އިސްލާމީ މަރުކަޒަށް ހުކުރަށް އަރާ އެބަތިބި. އެމީހުންގެ ތެރޭގައި ފުލުސް ކޮމިޝަނަރާއި ޑިއޕިއުޓީ ކޮމިޝަނަރު ރިޝްވާނުވެސް މުސައްލަ އަޅައިގެން ނަމާދަށް އެބަތިބި. ޖުމްހޫރީ މައިދާނަށް ފުލުހުން ދަނީ މަޑު މަޑުން ގިނަވަމުން

މިއަދު ހުކުރު ނަމާދަށްފަހު ތަކެތީގެ އަގުއުފުލުމާ ދެކޮޅު މުޒާހަރާ ކުރިއަށްގެންދިއުމަށް ރާވައިފައިވާތީ، ގިނަ އަދަދެއްގެ ފުލުހުން މިހާރުއްސުރެ ޖުމްހޫރީ މައިދާނަށް ނުކުމެއްޖެ އެވެ.

އެ ސަރަހައްދުން މައުލޫމާތު ދިން ސަން ޓީމުގެ މެމްބަރަކު ބުނީ، ގިނަ އަދަދެއްގެ ފުލުހުން ޖުމްހޫރީ މައިދާނާއި ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތީ އިށީނދެލައިލައިގެން އެބަތިބި ކަމަށެވެ. އެމީހުންގެ އިތުރު ހަރަކާތެއް އެ ސަރަހައްދަކުން ނުފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުންގެ ބައެއް ވެހިކަލްތަކާއި ސިފައިންގެ ލޮރީއެއްވެސް އެ ސަރަހައްދުގައި އެބަ އޮތް ކަމަށް އޭނާ މައުލޫމާތު ދެ އެވެ.

ފުލުހުންނާއި އަދި ސިފައިންވެސް ބުނެފައިވަނީ އެއްވެ އުޅުން މަނާ ސަރަހައްދަށް މިއަދު އެއްވެއްޖެ ނަމަ، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި މުޒާހަރާ ރޫޅާލާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ބޮޑުތަކުރުފާނު މިސްކިތުގައި ހުކުރު ނަމާދުކުރަމުންދާއިރު، ހުކުރުން މީހުން ފޭބުމަށްފަހު ޖުމްހޫރީ މައިދާނަށް އެއްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެ ސަރަހައްދުގައި އަލްޖަޒީރާގެ ނިއުސް ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.