އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ފުރަތަމަަ ފަހަރަށް ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކްލަބު އީގަލްސް ކުރި ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީ އަތުން އީގަލްސް މޮޅުވީ 2-1 ލަނޑުންނެވެ. މިދިޔަ ސީޒަނުގެ ލީގުގައި މި ދެޓީމު ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ އެއްވަރުވެގެންނެވެ. މިދިޔަ ސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގެ މެޗު 2-2 ލަނޑުން އެއްވަރުވެގެން ނިމުނުއިރު، ދެވަނަ ބުރުގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. އީގަލްސްއަށް އެލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސިއްދީގެވެ. ސިއްދީގު އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ފުރުސަތަކުން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ޓީސީއިން ވަނީ ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން އަރިމަތިން ބޮންޑާއަށް ލިބުނު ބޯޅަ، އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލް ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި އީގަލްސްއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ބޭރުން ރިޒުވާން އުފެއްދި ހަމަލާ، ކީޕަރު ފަޔާޒް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑެއްޖަހައި، އަލުން ލީޑު ހޯދައިފަ އެވެ. އީގަލްސްއަށް އެލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގައި ޓީސީއިން ފެނުނު އަހްމަދު ޒާދު އެވެ. ޒާދު އެ ލަނޑު ކާމިޔަބުކުރީ، އީގަލަސްއަށް ލިބުނު ކޯނަރަކުން އިހުސާން ނަގައިދިން ހުރަހުން ޝިފާން ބޮލުން ޖައްސައި ދިން ބޯޅައަކުންނެވެ.

ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި އެ ދުވަހުގެ ހަވީރު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބީޖީ ސްޕޯޓްސް އެވެ. އަދި އެ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އެވެ.