20 Apr 2016, 22:40
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރަން ދީފައިވާ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށްފަހު އެ ނިންމުން އަނބުރާ ގެންދިޔަ މައްސަލަ އަލުން މުރާޖާކޮށްދިނުމަށް ހޯމް މިނިސްޓަރު އަމަރު ނަސީރު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު އުމަރު "ސަން"އަށް މިރޭ ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ދީފައިވާ 30 ދުވަހުގެ މުއްދަތު އަނބުރާ ގެނައި މައްސަލަ މުރާޖާ ކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އެދިވަޑައިގެންނެވީ ސީމެގުން ކަންބޮޑުވުންފާޅު ކުރި ކަންތައްތަކާ ގުޅިގެން ނޫން ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވިއިރު، އިނގިރޭސީވިލާތުގެ ލަންޑަންގައި މިއަދު ބޭއްވި ސީމެގު ބައްދަލުވުމަށްފަހު، އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ސިޔާސީ ބައެއް ބޭފުޅުންނަށް ދީފައިވާ ފުރުސަތު އަނބުރާ ގެނައުމަށް ސަރުުކާރުން ނިންމާފައިވާތީ އެކަމާމެދު ކަންބޮޑުވާ ކަމަށެވެ.
ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރި ކުރުން އަނބުރާ ގެންދާފައިވާކަން އިއުލާން ކުރައްވާފައި ވަނީ ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމެވެ. ހުޝާމް އޮފީހަށް ނުކުތުން ހުއްޓުވައި، ގޭގައި މަޑުކުރުމަށް މިއަދު ވަނީ އަންގާފަ އެވެ. އޭނާ ގޭގައި މަޑުކުރަން އެންގި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އުމަރު ވިދާޅުވީ އޭނާ ސަސްޕެންޑްކުރި މައްސަލައަކީ ބަލަމުންދާ މައްސަލައެއް ކަމަށާއި އެކަމުގެ ތަފްސީލު ދެވެން ނެތް ކަމަށެވެ.
ހުޝާމް ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ފަރާތުން ފޮނުވާފައިވާ މެޑިކަލް ލިޔުންތަކުގައި އެމަނިކުފާނު މިއަދު ސާޖަރީއެއް ހަދާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން އެކަން ދޮހުކުރައްވާތީ މުއްދަތު އިތުރުކުރި ކުރުން އަނބުރާ ގެންދިޔައީ ކަމަށް ހުޝާމް ވިދާޅުވި އެވެ.