20 Apr 2016, 22:27
ރިޔާޒް (އެޕްރީލް 20) : މާދަމާ ފެށުމަށް ހަމަޖެހިފައިވާ ގަލްފުގެ ގައުމުތަކާއި އެމެރިކާގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒް އަށް ވަޑައިގެންފި އެވެ.
މިސަމިޓްގައި ގަލްފުގެ ގައުމުތަކުގެ އިސްވެރިންނާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ މަޝްވަރާކުރައްވުމަށް އެޖެންޑާކޮށްފައި ވަނީ ސޫރިޔާގެ މައްސަލައާއި ޔަމަންގެ މައްސަލައާއި ޓެރަރިޒަމްގެ މައްސަލަ އެވެ. ނަމަވެސް ސައޫދީ އަރަބިޔާ އާއި އީރާނާދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އެ ދެ ގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ބައި އަދާކުރުމަށް ސައޫދީ މަސްއޫލުވެރިންގެ ރުހުން ލިބޭތޯ އޮބާމާ މަސައްކަތްކުރައްވާނެކަމަށް އެމެރިކާގެ މަޖައްލާއެއްކަމަށްވާ ވޯލްސްޓްރީޓް ޖޯނަލް ބުނެ އެވެ.
ނަމަވެސް ސައޫދީ އަރަބިޔާއާއި އީރާނުގެ ގުޅުންތައް ގޯސްވުމާއި ސޫރިޔާއާއި ޔަމަންގެ މައްސަލައާއި ޓެރަރިޒަމްގެ މައްސަލަ އުފެދުމުގައި އެމެރިކާ މެދުއިރުމަތީގައި ގެންގުޅޭ ނާކާމިޔާބު އަދި ހަރުކަށި ސިޔާސަތުތައް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް މިމަޖައްލާ ބުނެ އެވެ. ގަލްފުގެ ގިނަ ގައުމުތަކާއި އީރާނުގެ ގުޅުންތައް މިހާރު ވަނީ ކެނޑިފަ އެވެ. ގަލްފުގެ ގައުމުތަކުގެ އެންމެ ބޮޑު ޝަކުވާއަކީ އިރާގާއި ޔަމަން ފަދަ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާން ވަންނަމުންދާ ކަމަށް އެގައުމުތަކުން ދެކޭ މައްސަލަ އެވެ.
މީގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް އީރާނާގާތްވަމުން ދިޔުމާއި އީރާނާ ދެކޮޅަށް އަލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަމުންދާ އިރު އީރާނުގެ ބާރު އިތުރަށް ގަދަވެގެންދާނެ ކަމަށް ބެލެވުމަކީ ވެސް ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތައް ކަންބޮޑުވާ މައްސަލައެކެވެ.
ސައޫދީންނާއި ގަލްފުގެ ގައުމުތަކުން އީރާނުގެ ޝަކުވާކުރާއިރު ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ސައޫދީ އަރަބިޔާ އާއި ގަލްފުގެ ގައުމުތަކާއި އެމެރިކާ ވެސް ދަނީ އެހީތެރިވަމުންނެވެ. އަދި ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށާއި ބަހްރައިންގެ އިދިކޮޅު ފަރާތްތައް ބަލިކޮށްލުމަށް ޓަކައި އެގައުމަށް ވެސް ސައޫދީ އަރަބިޔާ އިން ވަނީ ވަދެފަ އެވެ.
ކުރިޔާ ޚިލާފަށް އީރާނަކީ މިހާރު ބާކީކޮށް އެކަހެރި ކޮށްލެވިފައިވާ ގައުމެއްނޫނެވެ. އީރާނުގެ ޚާރިޖީ ވަޒީރު އިއްޔެވެސް ވަނީ ނިޔުޔޯކްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފްއާ ބައްދަލުކުރައްވާފައެވެ. އަދި ޔޫރަޕްގެ ގިނަ ގައުމުތަކުގެ އިސް މަސްއޫލުވެރިން ގެންދަވަނީ އީރާނަށް ޒިޔާރަޔް ކުރައްވައި އެ ގައުމާ އެކު އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށް ބޮޑެތި މަސައްކަތް ކުރައްވަމުންނެވެ. އެހެންކަމުން އީރާން އެކަހެރި ކުރުމަށް ކުރާމަސައްކަތްތައް ދެން ކާމިޔާބުނުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)