ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ބޭއްވުމަށް ސަރުކާރުން ނިންމި ނަމަވެސް، އެމްޑީޕީން އޯލް ޕާޓީ ޓޯކްސްގައި ބައިވެރި ނުވާނެ ކަމަށް އެޕާޓީއިން ބުނި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރޭ ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ މިފަދަ ދޫތަކެއް ދީގެން ވެސް މަޝްވަރާތައް ކުރިއަށް ގެންދަން ކަމަށެވެ. އަދި އެމްޑީޕީއަށާއި އަދާލަތު ޕާޓީއަށް ރޭ އެކަން ބަޔާންކޮށް، ސިޓީ ފޮނުވާފައިވާ ކަމަށް ސަރުކާރުން ރޭ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިރޭ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވީ އެމްޑީޕީއިން ބުނެފައި ވަނީ، މަޝްވަރާގައި ބައިވެރިވާނީ ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން ދޫކޮށްލުމުން ކަމަށް ކަމަށެވެ.

"ސިޔާސީ ލީޑަރުން ކުށްވެރިންގެ ގޮތުގައި ތިއްބަސް އެބޭފުޅުން ހުރި ތަނަކަށް ގޮސްގެންވެސް އެބޭފުޅުންނާ މަޝްވަރާ ކުރުމަށް ސަރުކާރުން ތައްޔާރަށް ހުރި ކަމަށް 'ދެންނެވިން'. ނަމަވެސް އެމްޑީޕީ ފަރާތުން ލިބުނު ސިޓީގައި ބުނެފައި ވަނީ އެބޭފުޅުން އެގޮތަށް ވެސް ބޭނުން ނުވާ ކަމަށް. އަނެއްކާވެސް ކުރިން ގޮތަށް އެންމެން ދޫކޮށްލީމާ ނޫނީ އެކަމަށް އެއްބާރުލުން ދެވެން ނެތް ކަމަށް،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ޑރ ޝައިނީ ވިދާޅުވީ، ސީމެގުން އެންމެ ބޮޑަށް އަލި އަޅުއްވާފައި ވަނީ، ޕާޓީތަކުގެ މަޝްވަރާއަށް ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މިކަމުގައި ބައިވެރިވާން ގޮވާލާފައިވާ ކަމަށޭވެ.

"އޭގެ މާނައަކީ، ސަރުކާރާ އެއްވަރަށް ހުރިހާ ފަރާތްތަކުގެ އިޚްލާސްތެރިކަން މިކަމުގައި ބޭނުންވާކަން. އޭގެ ތެރެއިން ދެން ހުރި ކަންތަކުގެ ހައްލު އަންނާނެ ކަމަށް ފާހަގަ [ސީމެގުން] ފާހަގަކުރި،" މިނިސްޓަރ ޝައިނީ ވިދާޅުވި އެވެ.

އެހެންކަމުން އެއީ ސަރުކާރަށް އެކަނި ގޮވާލި ގޮވާލުމެއް ނޫން ކަމަށާއި، އެކަމުގައި އެހެން މުއައްސަސާތަކާ ސިޔާސީ ޕާޓީތަކުން ވެސް ހިމެނޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.