20 Apr 2016, 22:13
ރާއްޖޭގެ މީޑިއާތަކަށް ދިމާވަމުންދާ ގޮންޖެހުންތަކުގެ މައުލޫމާތު ބައިނަލްއަގްވާމީ މީޑިއާތަކަށް ދިވެހި ނޫސްވެރިންގެ ޓީމުން ހިއްސާކޮށްފި އެވެ.
ލަންކާއަށް މިހާރު ގޮސްތިބި ނޫސްވެރިންގެ ޓީމުން ބުނީ، ރާއްޖޭގެ މީޑިއާތަކަށް ދިމާވަމުންދާ ގޮންޖެހުންތަކުގެ މައުލޫމާތު ލަންކާގައި ތިބި ބައިނަލްއަގްވާމީ މީޑިއާތަކުގެ ތެރޭގައި ހިމެނޭ އޭއެފްޕީ އާއި އޭޕީ އަދި ރޮއިޓާސްއާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ބައިނަލްއަގްވާމީ މުޖުތަމައުއަށް އިއްވައިދޭން އެ މީޑިއާތަކުން އެއްބަސްވެފައިވާ ކަމަށް ނޫސްވެރިންގެ ޓީމުން ބުނެ އެވެ.
ސްރީ ލަންކާ އަށް ގޮސް ތިބި ދިވެހި ނޫސްވެރިންގެ ޓީމުގައި ހިމެނެނީ ހަވީރު ނޫހުގެ ނޫސްވެރިޔާ އަލީ ނާފިޒާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ޗީފް އެޑިޓަރު ޒަހީނާ ރަޝީދާއި ރާއްޖެ ޓީވީ ނޫސްވެރިޔާ މުހައްމަދު ޖުނައިދެވެ.
ދިވެހި ނޫސްވެރިންގެ ޓީމުން މިއަދު ވަނީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޕްރެސް އެންޑް އިންފޮމޭޝަން އޮފިސަރު ޖޯޝުއާ ޔިންގު ޝެން އާ ވެސް ބައްދަލުކޮށްފަ އެވެ.
އެގޮތުން "އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ ބިލު"ގެ މައުލޫމާތާއި ނޫސްވެރިން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ކުރަމުންދާ ދައުވާތަކާއި ހަވީރު ނޫސް ހުއްޓާލަން ޖެހުމުގެ އިތުރުން މީޑިއާ ސްޓޭޝަންތަކާއި ވަކިވަކި ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތަކުގެ މައުލޫމާތާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަން ސިޔާސީވުމުގެ ކަންބޮޑުވުންތަކެއް ވެސް ހުރިކަން އެ ޓީމުން ވަނީ ހިއްސާކޮށްފަ އެވެ.
ބައްދަލުވުމުގައި ނޫސްވެރިންގެ ޓީމުން ވަނީ، ރާއްޖޭގެ މިނިވަން މީޑިއާ އެއް ހިންގުމަށާއި ރައްޔިތުންނަށް ލިބިދޭންޖެހޭ މައުލޫމާތު ލިބުމުގެ ހައްގު ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފަ އެވެ.
މިއަދުގެ މަޝްވަރާތަކަށްފަހު ރާއްޖޭގައި މިނިވަން މީޑިއާއެއް ގާއިމްކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ އޮފިޝަލުން ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ މީޑިއާ އަށް ދިމާވަމުންދާ ގޮންޖެހުންތަކުގެ ވާހަކަތައް ބައިނަލްއަގްވާމީ މުޖުތަމައުއަށް އިއްވައިދޭނެ ކަމަށް ބައްދަލުކުރި ބައިނަލްއަގްވާމީ މީޑިއާތަކުން އެއްބަސްވެފައިވާ ކަމަށް ނޫސްވެރިންގެ ޓީމުން ބުނެއެވެ.
ލަންކާގައި މިހާރު ހަރަކާތްތެރިވާ ނޫސްވެރިންގެ ޓީމުން ވަނީ ލަންކާގައި ތިބި ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އޮފިޝަލުންނާ ބައްދަލުކޮށް، ރާއްޖޭގެ މީޑިއާތަކަށް ދިމާވަމުންދާ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.